ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަށް ނިންމައިފިނަމަ އެއީ ރާއްޖެ އިން ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށް ދިވެހިރާއްޖެ އިން އީޔޫއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެއެވެ.
އީޔޫގެ ޕާލިމެންޓުން ރާއްޖެ އާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ފާސްކުރި ގަރާރާއި ގުޅިގެން ރާއްޖެޓީވީގެ "އެތެރެއިން ފިތެނީ، ބޭރުން ފިތެނީ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވީ، އީޔޫ ޕާލިމެންޓަކީ ތަންފީޒީ ބާރު ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި، އީޔޫ ޕާލިމެންޓްގެ ނިންމުންތަކަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ނިންމުންތަކެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، އީޔޫ ކައުންސިލުން ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަށް ނިންމައިފިނަމަ އީޔޫގެ މެމްބަރު ގައުމުތަކުން އެނިންމުން ތަންފީޒް ކުރާނެ ކަމަށާއި، އެއީ ރާއްޖެއިން އަމަލު ކުރުން ލާޒިމް ނިންމުމަކަށް ވާނެ ކަމަށެވެ. އަދި އީޔޫ ކައުންސިލުން އެފަދަ ނިންމުމެއް ނިންމައިފިނަމަ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ގެއްލުންތަކެއް ވެގެންދާނެ ކަމަށާއި، އެއީ ރާއްޖެއިން ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި އީޔޫ ޕާލިމެންޓްގެ ބައްދަލުވުމުގައި ވަނީ، ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ އެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށް، ވިލާތުގެ އިއްތިހާދުގެ ކައުންސިލަށް ފޮނުވުމަށް ނިންމާފައެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި ބޭއްވި އެ ބައްދަލުވުމުގައި، ރާއްޖޭގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ ސަރުކާރުގެ ވެރިންނާއި ސަރުކާރާއި ގުޅިފައިވާ ވިޔަފާރިވެރިންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިވެއެވެ.
ވިލާތުގެ އިއްތިހާދުގައި ހިމެނޭ ހަތް ކޯލިޝަނަކުން އެ މަޖިލީހަށް ހުށަހަޅާފައިވާ ވަކިވަކި ހަތް މޯޝަނެއްގައި، ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ގޯސްވެ، ކޮރަޕްޝަން އިންތިހާއަށްގޮސް، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވާފައިވާކަން ފާހަގަކޮށް، އެ ކަންކަން އިސްލާޙު ނުކުރާ ނަމަ، ދިވެހި ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކައުންސިލްގައި ވަނީ އެދިފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ރާއްޖޭގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ނުކުރާ ނަމަ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ދޭ ހުރިހާ އެހީއެއް ކަނޑާލުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.
ސުޕްރީމް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް މަރުހަބާ ކިޔައި، މި ޤަރާރުގައި އެ މަޖިލީހުގެ މެންބަރުން ވަނީ އެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި ހަމަ މިއާއިއެކު، އެއްވެސް ޝަރުތެއް ނެތި، މިހާރުން މިހާރަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައިދާއި، ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށް އެ މަޖިލީހުން ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާގެ ބާރުތައް ހިފަހައްޓައި، ތިންބާރު އެއްވަމުންދާ ދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގައި ޤާނޫނުގެ ވެރިކަން ހިންގުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަނުން ހުއްޓާލައި، ޝަރުއީ ދާއިރާ މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ޖާގަ ދިނުމަށާއި، ފަނޑިޔާރުންނާއި، ވަކީލުންނާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލައި، އެފަރާތްތަކަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.
ހަމަ މިއާއިއެކު ރާއްޖޭގެ މަސްރަހު ހަމައަކަށް އެޅުވުމަށް، މެދުވެރިއެއްގެ ގޮތުގައި އދ ބައިވެރިވެގެން ސިޔާސީ މަޝްވަރާތައް ކުރުމަށްވެސް އެ މަޖިލީހުން ވަނީ ގޮވާލާފައެވެ. އަދި އެ މަސައްކަތުގައި ވިލާތުގެ އިއްތިހާދާއިއެކު އިންޑިއާ އާއި ޗައިނާ ބައިވެރިވުމަށްވެސް އެ މަޖިލީހުގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.
ޤަރާރުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުން ދެކޭ ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ފުރަތަމަ ފިޔަވަޅަކަށްވާނީ ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމެވެ. އޭގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަން ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އީޔޫ ޕާލިމެންޓްގައި އެގަރާރު ފާސްވުމާއެކު، އެކަމަށް ދެން ގޮތެއް ނިންމާނީ އީޔޫ ކައުންސިލުންނެވެ. އީޔޫގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ އީޔޫ ކައުންސިލުން ވަނީ މީގެ ކުރިން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބަޔާނެއް ނެރުއްވާފައެވެ.
އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިއާން ވިދާޅުވީ، އީޔޫ ކައުންސިލުން ނެރޭ ބަޔާނަކީ އެކައުންސިލުން ދެކޭ ގޮތް ކަމަށާއި، އެކަމާއި އީޔޫ ކައުންސިލްގެ ނިންމުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށެވެ. އެގޮތުން، އީޔޫ ކައުންސިލުން ގޮތެއް ނިންމައިފިނަމަ އެކަމުން ރާއްޖެ އަށް ގެއްލުން ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު އޮތް އޮތް ހާލަތަށް ބަލާއިރު އެއީ ވަރަށް ދުރު ކަމެއް ކަމަށާއި، އެކަހަލަ ކަމަކަށް އީޔޫ ކައުންސިލުން މިވަގުތު ވިސްނަމުންނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.