ގދ. ގައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ގދ. ތިނަދޫ ޑރ. ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައިވަނީ އުމުރުން 80 އަހަރުގެ މީހެކެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ، ބުރާސްފަތި ދުވަހު ހަވީރު 06:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ޒުވާނުން ދުއްވަމުންދިޔަ ސައިކަލްގައި އެވަގުތު މަގު ހުރަސް ކުރުމަށް އުޅުނު އުމުރުން ދުވަސްވީ މީހާގެ ގައިގަ ޖެހުމުގެ ސަބަބުން ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އަލަށް ހިއްކާފައި އޮތް ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ސައިކަލުގައި ޖެހި އުމުރުން ދުވަސްވީ މީހާ ވިއްސައިގެން ދިޔަ ކަމަށާއި އޭނާ ބޮލަށާއި ފަޔަށް އަނިޔާވި ކަމަށެވެ.