ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ހުންނެވި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތުމަތު ނަސިރާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި ނާސިރާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ނާސިރާގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސްވެފައިވަނިކޮށެވެ. އަދި ފުލުހުން ނާސިރާ ޑޮކްޓަރަށް ދައްކާފައިނުވާއިރު، ނާސިރާ ގެޔަށް ބަދަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު (މިއަދު) ހަވީރު ކުއްލި ގޮތަކަށް ކަން ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.
ނާސިރާގެ މައްޗަށް ވެސް ފުލުހުން ތުހުމަތުކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުދިނުމުގެ ތުހުމަތު އެވެ. ފުލުހުންގެ ހައްޔަށް ނާސިރާ ގެންގޮށްފައި ވަނީ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. ނާސިރާގެ ސިއްހީ ހަލާތާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
ދަރިކަލުން އަހުމަދު މިސްފިރާއި މުހައްމަދު ސަރްފަރާޒްގެ ފަރާތުން ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ މުއްދަތެއް ނެތް ގޮތަށް ނާސިރާ ހައްޔަރުކޮށްފައިވާ އިރު ނާސިރާ ވަނީ 2017 ވަނަ އަހަރު ބޮޑު ދެ އޮޕަރޭޝަން ކޮށްފައި ކަމަށާއި އަދި ހައްޔަރު ކުރީ އިތުރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ ލިޔެކިއުމެއް ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އާއިލާގެ އެދުމާ އެކު މިމަހުގެ 10 ވަނަ ދުވަހު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމުން ނާސިރާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެފައި ވާކަން ފާހަގަކޮށްފައިވާ ކަމަށާއި ހަށިގަނޑުގައި ދުޅައެއް އުފެދި، ބަނޑުގައި އިންފެކްޝަން އުފެދިފައިވާ ކަމަށް އައިލާ އިން ބުނެއެވެ.