ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫ ޖަލަށް ލާފައިވާ މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށް، ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ގަދަ ބާރުން ވެރިކަން ދެމެހެއްޓުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އުމުރުފުޅުން 82 އަހަރުގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހައްޔަރުކޮށްފައިވާ ބޭފުޅުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށީ، ވަކީލުން ވިދާޅުވި ގޮތުގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުއާ ބައްދަލުކުރުމަށް އެދިފައިވީ ނަމަވެސް ޖަވާބެއް ލިބިފައި ނުވާތީ އާއި ބަންދުކޮށްފައިވާ ގޮޅީގެ ހާލަތާމެދު ކުރެވިފައިވާ ޝަކުވާތަކާ ގުޅިގެން އެދެވޭ ބަދަލުތަކެއް އައިސްފައި ނުވާތީ އެވެ.
މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނާ ހިލާފު ކުއްލި ހާލަތެއް ކަމަށް ގާނޫނީ ވަކީލުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސިޔާސީ މަގުސަދުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު، ސިޔާސީ މަގުސަދުގައި ހައްޔަރުކޮށް ހުކުމްކޮށްފައިވާ ޖުމުލަ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަށް އަމަލު ނުކުރަން ވެގެންނެވެ. އެ އަމުރު ތަންފީޒު ނުކޮށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.