އިދިކޮޅު ފަރާތްތަކުން ބުދަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 15 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު ޝިފާން ވިދާޅުވީ ބުދަދުވަހުގެރޭގެ މުޒާހަރާއިން ހައްޔަރުކުރި 15 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މުޒާހަރާއިން ހައްޔަރުކުރި ބައެއް ފަރާތްތައް ހައްޔަރުކުރުމަށްފަހު، ދޫކޮށްލާފައިވާއިރު، ހައްޔަރުކުރުމަށްފަހު ދޫކޮށްލި މީހުންގެ އަދަދު ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މުޒާހަރާއިން ހައްޔަރުކުރީ 15 މީހުން ކަމަށް ޝިފާން ވިދާޅުވިއިރު، ބުދަ ދުވަހުގެރޭ ފަތިހު އިނގެރޭސިބަހުން ފުލުހުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ބުދަ ދުވަހުގެރޭ ހައްޔަރުކުރީ ޖުމްލަ 10 މީހުން ކަމަށެވެ. އެގޮތުން އޭގެތެރެއިން 9 މީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރަށް ހުރަސްއަޅައިގެން ކަމަށާއި 10 ވަނަ މީހާ ހައްޔަރު ކުރީ ފުލުހެއްގެ ގަޔަށް ކަޅުތެޔޮކަމަށް ބެލެވޭއެއްޗެއް ޖަހައިގެން ކަމަށް އެ ބަޔާނުގައިވެއެވެ.
ބުދަދުވަހުގެރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނެއެވެ. ހައްޔަރުކުރި މަޖިލިސް މެމްބަރުންގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވައެވެ.