ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާގެ ބަލިހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި ބަންދަށް އެއްވެސް ލުޔެއް ފުލުހުން ދީފައިނުވާ ކަމަށް އާއިލާ އިން ބުނެފިއެވެ.
އަލީ ހަމީދުގެ އަނބިކަނބަލުން ނާސިރާ ހައްޔަރުކޮށްފައި ހުރި ހުރުމާ ގުޅޭ ގޮތުން އޭނާގެ ދަރިކަލުން އަހުމަދު މިސްފިރާއި މުހައްމަދު ސަރްފަރާޒްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ ބަންދަށް މަންމަ ގެންދެވިފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުމަށް ކަމަށްވާއިރު މިއީ އެއްވެސް ހަގީގަތަށް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ފެބްރުއަރީ 7 ވަނަ ދުވަހު ނާސިރާ ގެންދެވުނު އިރު ނާސިރާއަކީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި އުމުރުން ދުވަސްވީ ކާފަ އާއި މާމަ ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލަމުން ދިޔަ ފަރާތް ކަމަށް ވާއިރު މަންމަ ކައިރީގައި ނެތުމުން އެދެ ކުދިންނާއި ކާފަ އާއި މާމައަށް އަދި މުޅި އާއިލާއަށް ވަނީ ފޫނުބެއްދޭހާ ބޮޑު ފުން ހިތާމައަކާ ކުރިމަތިލާން ޖެހިފައި ކަމަށް ބަޔާނުގައި ވެއެވެ. އަދި ނަފްސާނީ ގޮތުން މިކަމުގެ ނޭދެވޭ އަސަރު އެ ދެ ކުދިންނަށް ކުރުމުގެ ސަބަބުން ކިޔެވުމާއި ދިރިއުޅުމަށް ގެއްލުންތައް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ވެސް އެ އާއިލާ އިން ބުނެއެވެ.
މުއްދަތެއް ނެތް ގޮތަށް ނާސިރާ ހައްޔަރުކޮށްފައިވާ އިރު ނާސިރާ ވަނީ 2017 ވަނަ އަހަރު ބޮޑު ދެ އޮޕަރޭޝަން ކޮށްފައި ކަމަށާއި އަދި ހައްޔަރު ކުރީ އިތުރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް އެ އާއިލާ އިން ބުނެއެވެ. މިކަމާ ގުޅޭ ހުރިހާ ލިޔެކިއުމެއް ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ނާސިރާގެ ބަލިހާލަތަށް ބެލުމެއް ނެތި ބަންދަށް ލުޔެއް ދީފައި ނުވާ ކަމަށާއި ބަންދުކޮށްފައިވާ ތަނަކީ ނާސިރާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ ހަމަޖެހިފައިވާ ތަނަކަށް ނުވުމުގެ ސަބަބުން ބަލި ހާލަތު ދުވަހުން ދުވަހަށް ދައްވަމުންދާ ކަމަށް އޭނާގެ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އާއިލާގެ އެދުމާ އެކު މިމަހުގެ 10 ވަނަ ދުވަހު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމުން ނާސިރާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެފައި ވާކަން ފާހަގަކޮށްފައިވާ ކަމަށާއި ހަށިގަނޑުގައި ދުޅައެއް އުފެދި، ބަނޑުގައި އިންފެކްޝަން އުފެދިފައިވާ ކަމަށް އައިލާ އިން ބުނެއެވެ.
ބަޔާނުގައި ބުނެފައި ވަނީ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ރެކޮމެންޑް ކުރި ނަމަވެސް އޮޕަރޭޝަން ކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި ނާސިރާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. މިކަން އަވަސްކޮށްދީ، ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް މަދަނީ ޖަމިއްޔާތަކާއި އެންމެހާ ފަރުދުންނަށް އެ އާއިލާ އިން ވަނީ ގޮވާލައްވާފައެވެ.