އދ ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޯރ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޔެންކާ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލު ކުރައްވައިފިއެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ ގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްއެވެ. އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒްއާ ގުޅިފައިވާ ޕާޓީތަކުން ބައްދަލުކޮށްފައިވާއިރު އެ ފަރާތްތަކުން ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޕްރިންސް ޒައިދު ރައާދު އަލް ޙުސައިންއާ ވެސް ބައްދަލު ކުރައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުން އދ ގެ އިސް ފަރާތްތަކާއެކު ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރެއްވުމަށް ވެސް ގޮވާލައްވާފައެވެ.
ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުން މަޝްވަރާކުރާނީ ހަމައެކަނި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ މަޝްވަރާއެއްގައި ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.