އުމުރުފުޅުން 76 އަހަރުފުޅުގައި ބުދަ ދުވަހު ދުނިޔެ ދޫކުރެއްވި މުޅި ދުނިޔެއަށް މަޝްހޫރު ސައިންސްވެރިޔާއަކީ ސައިންސްގެ ދާއިރާގައި އޭނާ އަޅުއްވާފައިވާ ބިންގާތަކުގެ ސަބަބުން އެކަނި ފާހަކުރެވޭ ފަރާތެއް ނޫނެވެ. އޭގެ އިތުރަށް އޭނާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ ފަރާތެއް ވެސް މެއެވެ.
މޮޓޮރ ނިއުރޯންއަށް ބަލި ތަހައްމަލް ކުރަމުން ގެންދެވި ހޯކިން އެކަމާ ގުޅުން ހުރި ސުރުޚީއަކުން ފުރަތަމަ ޖާގަ ހޯއްދަވާފައި ވަނީ މެއި 2013 ގައެވެ. އެއީ އިސްރާއީލުގައި ބޭއްވި އޭނާ ތަގުރީރުކުރަން ހަމަޖައްސާފައި އޮތް މަތީ ފަންތީގެ ކޮންފަރެންސެއް ބޯއިކޮޓް ކުރައްވައިގެންނެވެ.
އޭރު ހޯކިންސް މަސައްކަތްކުރައްވަމުން ގެންދެވީ ބްރިޓިޝް ޔުނިވާސިޓީ އޮފް ކޭމްބްރިޖްގައެވެ.
ގައުމުތަކުގެ ވެރިންނާއި ފުންނާބު އުސް އިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެ ކޮންފަރެންސް ގުދުސްގައި ކުރިޔަށް ގެންދަވާފައި ވަނީ މިހާރު ދުނިޔެ ދޫކުރައްވާފައިވާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޝިމޯން ޕެރޭޒްއެވެ.
އެ ކޮންފަރެންސް އިންތިޒާމް ކުރި ފަރާތަށް 3 މެއިގައި ހޯކިންގ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ "އިސްރާއީލުގެ މިހާރު އޮތް ސަރުކާރުން މުސީބާތެއް އުފެއްދުން ގާތް ކަމަށެވެ."
"ޕްރެޒިޑެންޝަލް ކޮންފަރެންސަށް ދީފައިވާ ދައުވަތު އަޅުގަނޑު ބަލައިގަތީ މިއީ ހަމައެކަނި ސުލްހަ އާއި ވަޒަންވެރިކުރުވުމާ މެދު އަޅުގަނޑު ދެކޭ ގޮތް ހާމަކުރުމަށް ލިބޭ ފުރުސަތަކަށް ނުވާނެ ކަމަށް ގަސްތުކޮށްގެން. އޭގެ އިތުރަށް ހުޅަނގު އައްސޭރި އާއި ބެހޭ ގޮތުން ވެސް ވާހަކަދެއްކުމުގެ ގަސްތުގައި. ކޮންމެއަކަސް ފަލަސްތީނުގެ އިލްމީ އެތައް ބައެއްގެ ފަރާތުން އަޅުގަޑަށް ވަނީ އެތައް އީމެއިލްތަކެއް ލިބިފައި. އެ އެންމެހާ ބޭފުޅުން ވެސް އިއްތިފާގުވޭ އަޅުގަނޑު ބޯއިކޮޓްކުރަން. މީގެ އަލީގައި އަޅުގަނޑު އެބަޖެހޭ ކޮންފަރެންސުން ނުކުންނަން."
މީގެ އިތުރުން އިތުރުން އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ އެކެޑެމިކް ޖަމާއަތެއް ކަމަށްވާ، ކޮމިޓީ ފޮރ ޔުނިވާސިޓީސް އޮފް ޕަލަސްތައިން އިން ވެސް ވަނީ ހޯކިންގގެ ހުއްދައާ އެކު އިސްރާއީލް ބޯއިކޮޓްކޮށްފައެވެ.
ހޯކިންގގެ ނިންމެވުމަށް ފަލަސްތީނުގެ އެކްޓިވިސްޓުންނާއި އިލްމީ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
"ފަލަސްތީނު ރައްޔިތުން ހިތުގެ ފުންމިނުން ގަބޫލުކުރޭ އިލްމީ ގޮތުން އިސްރާއީލް ބޯއިކޮޓް ކުރި ކުރުން" ބޯއިކޮޓް ޑައިވެސްޓްމަންޓް އެންޑް ސެންކްޝަންސް މޫވްމެންޓް (ބީޑީއެސްއެމް)ގެ އެއް ފައުންޑަރ އުމަރް ބަރްގޫތީ ވިދާޅުވިއެވެ.
މިދިޔަ އަހަރު ހޯކިންގ ވަނީ އިސްރާއީލުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އެޑްވާންސް ފިޒިކްސް ސޫލެއް ގާއިމުކުރުމަށް މާލީ އެހީ ދިނުމަށް ފޭސްބުކްގައީ އޭނާ ފޮލޯ ކުރާ އެތައް މިލިއަން މީހުންނަށް ގޮވާލާފައެވެ.
އެއީ އެތަނުގައި ގާއިމް ކުރެވޭ އެފަދަ ފުރަތަމަ ސްކޫލެވެ.
"އަޅުގަނޑު ތާއީދު ކުރަން ކޮންމެ ތަނެއްގައި ވެސް ސައިންސްވެރިންނަށް މިނިވަންކަމާ އެކު ހަރަކާތްތެރިވުމާއި، ޝާއިއުކުރުމާއި އަދި ގުޅިގެން މަސައްކަތްކުރުމުގެ ހައްގަށް،" އޭނާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް ހޯކިންގ ވަނީ 2016 ވަނަ އަހަރު ގްލޯބަލް ޓީޗަރ ޕްރައިޒް ލިބިލެއްވި ފަލަސްތީނުގެ އަންހެނެއް ކަމަށްވާ ހަނާން އަލް ހްރޫބަށް މަރުހަބާ ކިޔައި ހޯކިންގގެ ފޭސްބުކް ޕޭޖުގައި ވީޑިއޯއެއް ޕޯސްޓްކޮފައެވެ.
ފަލަސްތީނަށްޓަކައި ގިނަ ކަންތައްތަކެއް ހޯކިންގ ކޮށްދެއްވި ނަމަވެސް އޭނާއަކީ އިސްލާމް ދީނުގެ ބައެއް އަސާސްތަކާ ޚިލާފް ތިއަރީތައް އާންމުކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން ސުވަރުގެއަކީ ހަގީގަތެއް ނޫން ކަމަށާއި އެއީ މަރު ދެކެ ބިރުގެންނެވުމަށް ގެންގުޅޭ ހިޔާލީ ފޮލާއެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އޭނާގެ ފޮތެއް ކަމަށްވާ "ދި ގްރޭން ޑިޒައިން" ގައި ހިމަނާފައިވާ ވާހަކަތަކާ ގުޅިގެން ދީނި އިލްމުވެރިންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައި ވެއެވެ.