ގުޅިފައިވާ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވެދާނެތީ މީހުން މާލެ ނައުމަށް ބިރުދައްކައި ފުލުހުން އިންޒާރު ދީފިއެވެ.
ނޫސްވެރިން ގެންގޮސްގެން ފުލުހުން ދިން ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އެއްވަނީ މާލޭގައި ހަމަނުޖެހުން ހިންގައި ސަރުކާރު ވައްޓާލަން އުޅޭކަމުގެ މައުލޫމާތު ވަރަށް އިތުބާރު ހުރި ގޮތަކަށް ލިބިގެން ކަމަށާއި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި އެކަމަށްޓަކައި މިހާރު ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެކަމާ ގުޅުން ހުރި ބައެއް ފަރާތްތައް މިހާރު ވެސް ހައްޔަރުކޮށް ތަހުގީގް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި ހުރި މަސްވެރިކަން ކުރާ ބައެއް ދޯނިތަކުގެ ވެރިންނަށް ބާރުފޯރުވައި ބިރުދައްކައިގެން މާލެއަށް މީހުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަސްވެރިކަން ކުރުން ފަދަ ކަންކަމަށް ހުއްދަ ނަގާފައިވާ ދޯނިތައް އެހެން ބޭނުމުގައި ބޭނުން ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ދީފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރު ވައްޓާލުމަށް އެކި ތާރީޚް ދީގެން އެފަދަ އެއްވުންތައް ބާއްވައި ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި 16 ވަނަ ދުވަހު އެއްވުން ބޭއްވުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ފުލުހުން ބުދަ ދުވަހު ނޫސްވެރިން ގެންގޮސްގެން އިދިކޮޅު ފަރާތްތަކަށް އިންޒާރު ދިނުމަށް ފަހު ޝިފާން ވަޑައިގެންނެވީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެއްވައެވެ.