ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅާފައިވާ އެންޓި ޑިފެކްޝަން ބިލާއި، ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ ބިލަކީ ގާނޫނު އަސާސީއާ ޚިލާފު ދެ ބިލް ކަމަށާއި އެ ދެ ބިލް ބާތިލްވާނެ ކަމަށް، ވެރިކަން ހިންގާ ޕާޓީ، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ދެ ބިލްކަން އެނގިވަޑައިގެން ތިއްބަވައި ވެސް، ވޯޓް ދެއްވީ އޮތް ބިރެއްގެ ސަބަބުންނެވެ.
"ބައްލަވާ، ސަރުކާރުން ބޭނުން ނުވާ ގޮތަކަށް ހުކުމެއް ނެރުނީމާ ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންނަށް ހެދި ގޮތް. އެއަށް ވުރެ މާ ފަސޭހަ ވާނެ ނޫންތޯ އަޅުގަނޑުމެން މަޖިލިސް މެމްބަރުންގެ ދުވަސް ދުއްވާލަން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއާ ހިލާފު ކަމެއް މެމްބަރުން ލައްވައި ކުރުވާފައި ވާއިރު، އެކަމުގެ ގާނޫނީ ޒިންމާ މަޖިލީހުގެ ރިޔާސަތުންނާއި ކައުންސެލް ޖެނެރަލާއި އަމީން އާންމު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެހެން މެމްބަރަކު ވެސް ވިދާޅުވި ބިލަށް ވޯޓް ދެއްވި 36 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތިއްބެވީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
"މި ބިލް ފާސްވުމުން ވެސް އެނގޭނެ އޮތް ބިރުވެރިކަން. ސީދާ ރައީސް ޔާމީން ގުޅުއްވަމުން ގެންދެވި މެމްބަރުންނަށް،" އޭނާ ވިދާޅުވިއެވެ.
މެމްބަރުންނަށް ބިރުވެރިކަން ނެތް ނަމަ "އަމިއްލަ ކަރަށް އަމިއްލަ އަތުން މަޅީ މަހައެއް ނުލާނެ" ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އަދި ބިލާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ބިލަށް ވޯޓް ދެއްވީ ވެސް އޮތް ބިރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބިލް ތަސްދީގު ކުރުން ލަސް ވަނީ ވެސް ގޯހެއް އުޅޭތީ. މިއީ ހައްސަ ބިލެއް ކަމަށް އަޅުގަނޑަށް ވެސް ގަބޫލެއް ނުކުރެވޭ،" އެ މެމްބަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވަރަށް އަރިސް މެމްބަރަކު ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބިލް ގާނޫނާއަސާސީއާ ހިލާފުކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ބިލް ފާސްކުރީ، "އެއް ގޯސް ހެދުމުން، އަނެއް ގޯސް ހެދޭ އުސޫލުން" ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
"އެންމެން މި ތިބީ ގާނޫނާ ހިލާފުވެފައި، މަޖިލިސް، ސުޕްރީމް ކޯޓް، ސަލާމަތީ ހިދުމަތްތައް ވެސް ވަނީ ގާނޫނާ ހިލާފުވެފައި. ދެން ކޮން ކަމެއްތޯ ރަނގަޅަށް ދާނީ،" އެ މެމްބަރު ވިދާޅުވިއެވެ.
މެމްބަރަކު، އޭނާ އިންތިހާބުވި ޕާޓީން ވަކި ވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށާއި މަޖިލީހުގެ 12 މެމްބަރުން ގޮނޑި ގެއްލިގެންދާ ގޮތަށް ބިލްގައި އެކުލަވާލާފައި އޮތަސް، 12 މެމްބަރުންގެ ގޮނޑި ގެއްލިގެން ނުދާ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި މިހާރު ވެސް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށާއި އެ އުސޫލާ ހިލާފަށް އެހެން މުއައްސަސާކުން މެމްބަރެއްގެ ގޮނޑި ދުއްވާލިޔަސް، އެ ގޮނޑިއެއް ގެއްލިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.