ތިން މަސްދުވަހުގެ ދިގު ސަސްޕެންޝަނަށް ފަހު ގއ. އަތޮޅު ކައުންސިލް ބުދަ ދުވަހު އަލުން ރަސްމީކޮށް ކައުންސިލްގެ މަސައްކަތަށް ނުކުމެ ސަރުކާރަށް ވަރުގަދަ އިންޒާރެއްދީފިއެވެ.
2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކައުންސިލް ގައި ހިމެނޭ ތިން މެންބަރުން އެއްކޮށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކުރީ، ނެރެފައިވާ އިޖުރާއަތްތަކާ އެއްގޮތައް ހުއްދައް ނުހޯދައި ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރިކަމަށް ބުނެއެވެ. ވިލިނގިލީ ކައުންސިލަރުން މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރީ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި އެވެ.
ތިން މަސްދުވަހަށްފަހު އެނބުރި ކައުންސިލްގެ މަސައްކަތަށް ނުކުންނެވުމަށްފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ، ކައުންސިލްތަކަށް ބިރު ދައްކައިގެން އެއްވެސް ކަމެއް ހާސިލުް ނުކުރެވޭނޭކަމަށެވެ.
އޭނާ ވިދާޅުވީ، ކައުންސިލް އެއްކޮށް އެނބުރި މި އައީ ވަރަށް ގަދަކޮށްކަމަށާއި، ރަސްމީ މަސައްކަތަށް ވުރެ މިވަގުތު ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީ ސަރުކާރު ހަމަ މަގަށް އެޅުވުންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން އަޒުލުކޮށް މި ސަރުކާރު ސައިޒުކޮށްފައި ނޫނީ އެއްވެސް އިތުުރުކަމެއް ކުރެވެން ނެތްކަމަށެވެ.
" ޔާމީން އަޒުލު ކޮށްފައި ނޫނީ ރަސްމީ މަސައްކަތްތައް ފެށޭ ކަށްނެތް" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެލްޖީއޭ އަށާއި ހޯމް މިނިސްޓަރު އަޒުލީން އަށްވެސް ދަންނަވަން އޮތް ވާހަކައަކީ، ކައުންސިލްތަކަށް ބިރު ދައްކައިގެން ކުރަން އުޅޭ އެއްވެސް ކަމެއް ހާސިލް ނުވާނެކަމަށެވެ. އަދި ކައުންސިލް އުވާލިޔަސް އެއްވެސް ބިރެއް ނުގަންނާނެ ކަމަށާއި، އަދި ދެވަނަ ފަހަރަށް ސަސްޕެންޑް ކުރިއަސް އެބޭފުޅުންގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނޭކަމަށެވެ.
ފުއާދު ވިދާޅުވީ ކައުންސިލްގެ މަސައްކަތަށް އެނބުރި ނުކުތުމާއެކު ފުރަތަމަވެސް ލާމަރުކަޒީ ގާނޫނާއި ޚިލާފަށް ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔަކު، ސެކްރެޓޭރިއޭޓްގައި ހިމެނޭ ސިވިލް ސާވިސްގެ މުއައްޒަފުންގެ ތެރެއިން ހޮވުމަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް އެ މަގާމުގައި އޮޓޮމެޓިކުން ހުންނާނީ ކައުންސިލްގެ ރައީސްކަމަށް ކައުންސިލްތަކުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. ފުއާދު ވިދާޅުވީ، އެލްޖީއޭއިން އެންގިޔަސް ކައުންސިލްތަކުގެ ގާނޫނާއި ޚިލާފު ނުވެވޭނޭކަމަށެވެ. އަދި ލާމާރުކަޒީ ގާނޫނު ގައި ބަޔާންކޮށްފައި އޮންނަ އިރު މާލީ ޒިންމާދާރު ވެރިޔާއަށް އެހެން މީހަކު އައްޔަން ނުކުރެވޭނެކަމަށް ފުއާދު ފާހަގަކުރެއްވިއެވެ.