ފިލްމީތަރި ކާޖޮލްއާއި އޭނާގެ އަންހެން ދަރިފުޅު ނައިސާ ދޭވްގަން ސިންގަޕޫރަށް ވަނީ ބަދަލުވެފައެވެ.
ކާޖޮލް ސިންގަޕޫރަށް ބަދަލުވީ އޭނާގެ އަންހެން ދަރި ނައިސާއަށް ކިޔަވައިދިނުމަށެވެ. ކާޖޮލް ބުނީ ސިންގަޕޫރަށް ބަދަލުވުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ކާޖޮލް ލީޑިން ޑެއިލީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މައިންބަފައިންނާއި ދުރަށް ދަރިން ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް ކިޔަވާ ނިމުމުން އެކުދިންނަށް އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށެވެ. ކާޖޮލްއާއި ނީސާ ސިންގަޕޫރަށް ބަދަލުވިއިރު ކާޖޮލްގެ ފިރިމީހާ އަދި ނައިސާގެ ބައްޕަ އަޖޭ ދޭވްގަން އެގައުމަށް ބަދަލެއް ނުވެއެވެ. ކާޖޮލް ބުނީ އޭނާ ކިޔެވި ދުވަސްވަރުވެސް އޭނާވެސް ވަކި ހިސާބަކުން ކިޔަވަން ދިޔައީ އާއިލާއާއި ދުރަށްކަމަށާއި އޭނާއަށްވެސް އާއިލާއާއި ދުރުގައި ހުންނަން އުނދަގޫވިކަމަށެވެ. އަދި އޭނާގެ މަންމަވެސް ކޮއްކޮ ތަނީޝާވެސް ކިޔެވީ އާއިލާއާއި ދުރުގައިކަމަށެވެ. ބެލެނެވެރިންނަށްވީތީ ދަރިންނަށް ރަނގަޅު ގޮތް ހޯދަން އެދޭނެ ކަމަށާއި އެއީ ދަރިންނަށް ރަނގަޅަށް ކަމަށް ކާޖޮލް ބުންޏެވެ.
ނައިސާވެސް އެހެން އެކްޓަރުންގެ ދަރިން ގޮތަށް ފިލްމީ ދާއިރާއިން ފެނިދާނެތޯ ކާޖޮލްގާތުގައި އެހުމުން ކާޖޮލް ބުނެފައިވަނީ އޭނާއާއި އެއްގޮތަށް އެކްޓު ކުރަން ނައިސާ ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އޭނާގެ ދަރިފުޅު ކެއްކުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.