އެންޓި ޑިފެކްޝަން ބިލަކީ އެކިއެކި ގޮތްގޮތުން ބިރުވެރިކަމުގައި ތިއްބެވި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އެ 'ޖަލުން' މިނިވަން ވުމަށް ހަޤީގަތުގައި ލިބުނު ފުރުސަތެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އެންޓި ޑިފެކްޝަން ބިލަށް ދެކޮޅު ހެއްދެވިކަމަށެވެ. އެގޮތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 90 އިންސައްތަ މެމްބަރުން އެބިލަށް ދެކޮޅު ހެއްދެވިކަމަށް އަމީތުވި ވިދާޅުވިއެވެ. އެހެން ނަމަވެސް ބިލަށް މެމްބަރުން ދެކޮޅު ހެއްދެވުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ފޯނަށް ރައީސް އަބްދުﷲ ޔާމީން ވަކިވަކިން ގުޅުއްވިކަމަށާއި، ބިލް ފާސްނުކުރެވިއްޖެނަމަ ރައީސް ޔާމީންގެ ވެރިކަން ނޯންނާނެކަމަށް މެމްބަރުންނަށް ދެންނެވިކަމަށެވެ.
"ވެރިކަން ދެމެހެއްޓުމަށްޓަކައި ޤާނޫން އަސާސީއާއި ޚިލާފަށް މަޖިލީހުން ބިލްތައް ފާސްކުރަން ޖެހޭތޯ؟ ވެރިކަން ދެމެހެއްޓުމަށްޓަކައި ޤާނޫން އަސާސީގެ ބާރު ކަނޑުވާލަން ޖެހޭތޯ؟ ވެރިކަން ދެމެހެއްޓުމަށްޓަކައި ﷲ ގަންދީ ކޮށްގެން ތިބި ހުވަޔާއި ޚިލާފް ވާން ޖެހޭތޯ؟ އެކަން ކޮށްގެން ނުވާނެ،" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމީން ޤާނޫނީ އިމުން ބޭރަށް ވަޑައިގެންފައިވާ ކަމަށާއި، އަނބުރާ ޤާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަކީ އުނދަގޫ ކަމެއްކަމަށެވެ. އަދި ރައީސް ޔާމީން ޤާނޫނު އަސާސީއިން ބޭރުވެގެން ވެރިކަން ދެމެހެއްޓޭނެ ގޮތެއް ނެތުނީމައި، އެވެރިކަން ދިފާޢުކުރަން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި މަޖިލިސް މެމްބަރުން ޤުރުބާން ވާން ނުޖެހޭނެކަމަށެވެ.
އަމީތު މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވަނީ ވެރިކަން ދިފާޢުކުރަން ޤާނޫނުތަކަށް ބަދަލު ގެންނަވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ކައިރިން ސަލާމަތްވާން ލިބުނު ފުރުސަތުގެ ބޭނުން ޕީޕީއެމްގެ މެމްބަރުން ނުހިފީ "ބްލެކްމެއިލް ވެފައިތިބި ވަރު ބޮޑުކަމުން" ކަމަށް އަމީތު ސިފަކުރެއްވިއެވެ.
ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އަނިޔާވެރި ވެރިން ނިކުމެ ރައްޔިތުންނަށް އަނިޔާކުރަނީ އަމިއްލައަށް ނޫންކަމަށާއި، ޑިކްޓޭޓަރުންނަށް ވެރިކަމުގައި ތިބެ، ރައްޔިތުންނަށް އަނިޔާކުރެވެނީ އެކަމަށް އެހީތެރިވާން ބަޔަކު ތިބޭތީކަމަށެވެ.
"ހިޓްލަރު ޖަރުމަނުގައި ވެރިކަންކުރަމުން ގޮސް، އެތައް މިލިއަން އިންސާނުން މެރީ ހިޓްލަރު އަމިއްލައަށް މަގުމައްޗަށް ނިކުމެ ބަޑިޖަހައިގެންނެއް ނޫން. އޭނައަށް އެހީތެރިވެދޭ މީހުން އޭނާ ވަށައިގެން ތިބެ އޭނައަށް އެހީތެރިވެދީގެން ބޮޑެތި ޖަރީމާތަކާއި އެއްޗެހި ހިނގައިގެން ދިޔައީ،" ޑިކްޓޭޓަރެއްގެ މިސާލު ނަންގަވަމުން އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ރައީސް ޔާމީން ހިންގަވާ ޖަރީމާތަކުގެ ޒިންމާ ނަންގަވަން ޖެހޭނެ ބޭފުޅުންކަމަށެވެ. އަދި ވެރިކަން ބަދަލުވެގެންދާއިރު ރޮއެގަތީމައި ދެން ވަޑައިގަންނަވާ ވެރިޔަކުވެސް އެބޭފުޅުން ބަލައިގަންނާނެކަމަށް އަބްދުއްރަހީމާއި ނިހާންއަށް ހީފުޅުވެދާނެކަމަށް އަމީތު ވިދާޅުވިއެވެ.
"ދެނެއް ނުގެންގުޅޭނެ. އެއީ މިވެރިކަމުގައި އަނިޔާ ލިބިގެން މިދިޔައީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއްވެސް ވެރިއެއްގެ ވެރިކަމުގައި ސިޔާސީ އިސް ފަރާތްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެކްޓިވިސްޓުންނަށާއި، އަދި ރައްޔިތުންނަށް އަނިޔާ ނުލިބޭ ދަރަޖައަކަށް. މިކަންކަމުގެ އަސަރުތައް ފިލައިގެނެއް ނުދާނެ،" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ އަނިޔާދޭ ފަރާތްތަކުގެ މަތިން ރައްޔިތުން ހަނދާން ނައްތާނުލާނެކަމަށެވެ.
މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ކަރަށް އަމިއްލައަށް މަހާލި މަޅިއެއްކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރާ އެންޓި ޑިފެކްޝަން ބިލް އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އެބިލް ފާސްކޮށްފައިވަނީ ޤާނޫން އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށްކަމަށް ޤާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްމުންނެވެ.