އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހައްޔަރު ކޮށްފިއެވެ.
ވަހީދުގެ އާއިލާ އިން ވަނީ އޭނާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
my husband mdp gm member @waddey_ arrested under SOE pic.twitter.com/bui5Q0FG3h
— xiena saeed (@dorinbakedbeans) March 13, 2018
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އުނގޫފާރު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު ވަހީދު ހައްޔަރުކޮށްފައި ވަނީ ގޭގައި ހުންނަވަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ވަހީދަކީ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒުގެ ބޭރުގައި އިސްވެ ދުއާ ކުރުމާ ގުޅިގެން ވެސް ހައްޔަރު ކުރި ބޭފުޅެކެވެ. އަދި ސިޔާސީ އެއްވުންތަކާއި އިދިކޮޅު ޖަލްސާތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.
ވައްޑެގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު (އިބޫ) ވެސް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ، އިބޫ ފުލުހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ ގުޅިފައިވާ ޕަޓީތަކުގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކޮށްފައެވެ.