ވިލާ ގްރޫޕްގެ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި ފަސް މައްސަލަ ބެލުމަށް ތާވަލްކޮށްފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހަށެވެ.
އެގޮތުން އެއްބަސްވުމައި ހިލާފުވިކަމަށް ބުނާ މައްސަލަ އާއި އެއްބަސްވުމައި ހިލާފު ބާތިލު އެންގުމެއް ކަމަށް އަމުރުކޮށްދިނުމަށް އެދިފައިވާ މައްސަލައިގެ އިތުރުން ފައިސާ ހޯދުމާ ގުޅޭ މައްސލައަކާއި ވިޔަފާރިއާއި ގުޅޭ މައްސަލައިގެ އިތުރުން އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލައިގެ ޝަރީއަތް ވަނީ ތާވަލްކޮށްފަ އެވެ.
އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގ ކުންފުނިން ދައުވާ ކުރާ އިރު އެއްބަސްވުމާއި ހިލާފު ބާތިލް އެންގުމެއް ކަމަށް އަމުރު ކޮށްދިނުމަށް އެދި ދައުވާ ކުރަނީ ގަޒީރާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަށެވެ. މީގެ އިތުރުން ފައިސާ ހޯދުމަށް ކަމަށް ބުނާ މައްސަލައިގައި މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރާ އިރު ވިޔަފާރިއާބެހޭ މައްސަލައިގައި ދައުވާ ކުރަނީ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް އިންނެވެ. ވިލާ ހޮލިޑޭސް އިން އެއްބަސްވުމާމެދު ހިލާފު އުފެދިގެން ހުށަހަޅާ މައްސަލަ ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިހުރިހާ މައްސަލައެއް ވެސް ރައްދުވާ ފަރާތަކީ ޓޫރިޒަމް މިނިސްޓްރީ އެވެ. މި މައްސަލަތައް ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ.
މިހުރިހާ މައްސަލަތަކެއް ބަލަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން ފަނޑިޔާރު އަބްﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ މައްސަލަ ބަލާ ބެންޗުގައި ތިއްބަވާނެ އެވެ.
ވިލާގެ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލް ކުރެވިފައިވާ އިރު މިހާރު ވެސް ވިލާ ގްރޫޕްގެ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.