ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ދޫކޮށްލައިފިއެވެ.
ޝަހީމް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ.
ކުއްލި ނުރައްކަމުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑުހުޅު ނައްޓާލި ކަމަށާއި، އަދި އޭނާ ބިންް މައްޗަށް ވައްޓާލުމުން ޝަހީމްގެ ކަކުލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޝަހީމްގެ އަންހެނުން މިނާމް މުހައްމަދު މީގެ ކުރިން ބުނީ ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑު ހުޅު ނައްޓާލާފައިވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެކަމަށް ޝަހީމަށް ފަރުވާ ނުދިން ކަމަށެވެ. ކޮނޑުހުޅު ނައްޓައިގެން ދިއުމުން، އެޅުވީ ވެސް ޝަހީމް އަމިއްލަ އަށް ކަމަށް މިނާމް ބުންޏެވެ. ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ޝަހީމް އާޓިފިޝަލް ބީޗް ތެރެއަށް ވައްޓާލި ގޮތުން ބިން މަތީގައި ޖެހުނީ އޭނާގެ ވާތު ފައިގެ ކަކޫ ކަމަށާއި އެ ކަކުލަކީ ކުރިން އޮޕަރޭޝަނެއް ކޮށްފައި ހުރި ކަކުލަކަށް ވުމުން ބިންމަތީގައި ޖެހުނު ގޮތުން ދުޅަވެފައިވާ ކަމަށް ވެސް މިނާމް ބުންޏެވެ. ނަމަވެސް އެކަމަށް ވެސް ފަރުވާއެއް ދީފައި ނެތް ކަމަށް އޭނާ ބުންޏެވެ.