ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 11:14
ޓަރައި ސްޓާ ޕިކްޗަރސް
ޓައިމްސް އަޕް
ވޯލްބަރގަށް ފިލްމްގެ ރީޝޫޓިންގއަށް ލިބުނު 1.5 މިލިއަން ޑޮލަރު ޓައިމްސް އަޕްއަށް ހަދިޔާކޮށްފި، އަންހެން އެކްޓަރަށް ލިބުނީ ދުވާލަކަށް 80 ޑޮލަރު
އޭނާއާއި މިޝޭލްއަށް ލިބުނު ވަރު ތަފާތުކަން އެނގުމުން މާކް ވަނީ ފައިސާ އެއްކޮށް ޓައިމްސް އަޕް ލީގަލް ފަންޑަށް ދޭން ނިންމާފައި
މާކްއާއި މިޝޭލް ރެޕްރެޒެންޓް ކުރަނީ އެއް ޓެލެންޓް އޭޖެންސީއަކުން، ވިލިއަމް މޮރިސް އެންޑޭވަރ
"ޓައިމްސް އަޕް"އަކީ ވަޒީފާގެ މާހައުލުގައި ހިނގާ މިފަދަ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ކުށްވެރިކޮށް، އެކަމަށް ހޭލުންތެރި ކުރުމަށް ބައެއް ތަރިން އިސްނަގައިގެން ފަށާފައިވާ ކެމްޕޭނެއް

2017 ވަނަ އަހަރު ވެގެން ދިޔައީ ހޮލީވުޑްގެ ތެރޭގައި ހުރި ގިނަ މައްސަލަތަކަށް އަލިއަޅުވާލެވުނު އަހަރަކަށެވެ. އެގޮތުން، ޖިންސީ ފުރައްސާރަ ކުރުމާއި ނަސްލީ ތަފާތު ކުރުމާއި އަންހެން އެކްޓަރުންނާ މެދު ކުރަމުންދާ ތަފާތު ކުރުންތަކާ ދެކޮޅަށް ގިނަ ތަރިންތަކެއް ވަނީ ތެދުވެފައެވެ.

#މީޓޫ އާއި "ޓައިމްސް އަޕް" ފަދަ ކެމްޕޭންތައް ހޮލީވުޑްގެ ތެރޭގައި ފަށާފައިވާއިރު، މިއީ ހަމައެކަނި ހޮލީވުޑް ތެރޭގައި ޖެހޭ މައްސަލަތަކެއް ނޫންކަން ކެމްޕޭންތައް ހިންގާ ތަރިންތައް ދަނީ ފާހަގަ ކުރަމުންނެވެ.

ފިރިހެން އެކްޓަރުންނަށް ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ވެސް އަންހެން އެކްޓަރުންނަށް ނުލިބޭ ވާހަކަ ދެކެވެމުން ދިޔަ ދަނޑިވަޅެއްގައި، މަޝްހޫރު އެކްޓަރ މާކް ވޯލްބަރގަށް "އޯލް ދަ މަނީ އިން ދަ ވަރލްޑް"ގެ ރީޝޫޓިންގއަށް 1.5 މިލިއަން ޑޮލަރު ލިބުނު ކަމުގެ ވާހަކަ ފެތުރުނެވެ. މިކަން މައްސަލައަކަށްވީ، ފިލްމްގެ ރީޝޫޓިންގއަށް، މާކްގެ ކޯ-ސްޓާ މިޝޭލް ވިލިއަމްސްއަށް ލިބުނު އަދަދު ހާމަވުމުންނެެވެ. އެއީ ދުވާލަކަށް 80 ޑޮލަރެވެ.

ދެ މީހުންގެ މުސާރަ ހާމަވުމާއި އެކު މާކް ވަނީ އޭނާއަށް "އޯލް ދަ މަނީ އިން ދަ ވަރލްޑް"ގެ ރީޝޫޓިންގއަށް ލިބުނު 1.5 މިލިއަން ޑޮލަރު އެއްކޮށް "ޓައިމްސް އަޕް"ގެ ލީގަލް ޑިފެންސް ފަންޑަށް ހަދިޔާ ކުރާނެ ކަމަށް ވައުދުވެފައެވެ.

އަދި، މިހާރު މާކް ވަނީ މި ވައުދު ފުއްދާފައެވެ.

"ޓައިމްސް އަޕް"އަކީ ވަޒީފާގެ މާހައުލުގައި ހިނގާ މިފަދަ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ކުށްވެރިކޮށް، އެކަމަށް ހޭލުންތެރި ކުރުމަށް ބައެއް ތަރިން އިސްނަގައިގެން ފަށާފައިވާ ކެމްޕޭނެކެވެ. އަދި ކެމްޕޭން ތެރެއިން ލީގަލް ޑިފެންސް ފަންޑެއް ފަށާފައިވާއިރު، މި ފަންޑަށް 20 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ހޯދިފައެވެ. މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ވަޒީފާގެ މާހައުލުގައި ތަފާތު ކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އެހީވުމަށްކަމަށް ކެމްޕޭންގެ އިސް ފަރާތްތަކުން ބުނެއެވެ.

- ކޮމެންޓް