ދިހަ މިލިއަން ވިއުސް އާއެކު އެމެރިކަން އައިޑޮލް ފަށައިފިއެވެ.
ކުރިން ފޮކްސް ނިއުސް އިން މެދުކެނޑުމެއްނެތި 15 އެޕިސޯޑް ގެނެސްދިނުމަށް ފަހު އެ ޝޯ ނިންމާލީ ޝޯ ގެނެސްދިން ކުންފުނި ބަނގުރޫޓު ވުމުންނެވެ. އެމެރިކަން އައިޑޮލް އަލުން ދައްކަން ފަށާފައިވަނީ އޭބީސީ މެދުވެރިކޮންނެވެ.
އައިޑޮލްގައި މިހާރު ދައްކަމުންދަނީ އޮޑިޝަންތަކެވެ. މިފަހަރުގެ ސީޒަން ވެސް ހޮސްޓް ކޮށްދެނީ ކުރީގެ ސީޒަންތަކުގައި ހޮސްޓުކޮށްދިން ރިއާން ސީކްރެސްޓް އެވެ. މި ސީޒަންގައި ޖަޖުންނަށް ތިބީ ކެޓީ ޕެރީ އާއި ލައެނަލް ރިޗީ އަދި ލޫކް ބްރިއަން އެވެ.
މީހުން އެންމެ ގިނައިން ބަލާ ޗެނަލްތަކާއި އޭގެ ޑޭޓާބޭސް މެޝަރކޮށް މާކެޓް ރިސާޗް ހަދާ ކުންފުނި ކަމަށްވާ ނިއެލްސަލްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެމެރިކަން އައިޑޮލްގެ ވިއުސް ވަނީ 10.3 މިލިއަނަށް އަރާފައެވެ.
އެމެރިކަން އައިޑޮލް މީގެ ކުރިން އުފެއްދި "ކޯމީޑިޔާ ގްރޫޕް"އަށް ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެ އެ ކުންފުނި ބޭންކްރަޕްޓް ވެއްޖެކަން އިއުލާން ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ އަހަރު މެދުތެރޭގައި އޭބީސީ ނެޓްވޯކުން އެ ފްރެންޗައިޒްގެ ލައިސެންސު ހޯދާއި އެމެރިކަން އައިޑޮލް އަލުން ފަށާނެ ކަމަށް އިއުލާން ކޮށް އެމެރިކަން އައިޑޮލްގެ 16 ވަނަ ސީޒަން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
އެމެރިކަން އައިޑަލް އިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައި ވަނީ މިހާރުގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަންއެވެ.
މަޝްހޫރު ލަވަކިއުންތެރިން ކަމަށްވާ ކެރީ އަންޑަވުޑް، ޖޯޑިން ސްޕާކްސް، ކެލީ ކްލާކްސަންގެ ކެރިއާ ފަށާފައިވަނީ އެމެރިކަން އައިޑޮލްގެ ސްޓޭޖުންނެވެ.