ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ވެރިކަމެއް ނޫން ކަމަށާއި ގައުމަށް އިސްލާހު ގެނައުން ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދެނީ ވެރިކަން ހޯދުމަށް ނޫން ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ މިހާރު ހިނގަމުންދާ ނޭއްގާނީ އަދި ޣައިރު ގާނޫނީ ކަންކަން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އަދި މިއީ އެބޭފުޅުންގެ އެންމެ ބޮޑު އެޖެންޑާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުސައިން ވިދާޅުވީ، ތަކުރާރުކޮށް ކެނޑިޅޭނި ކޮންމެ ދުވަހަކު ސަރުކާރުން ގާނޫނާ ހިލާފު އެތަށް ކަމެއް ކުރަމުންދާ ކަމަށާއި އަނިޔާވެރި ކަންކަންވެސް އިންތިހާއަށް ކުރަމުން ގެންދާ ކަމަށެވެ.
"ރައްޔިތުންނަށް ހިތްހަމަޖެހޭ އިންސާފުވެރި މާހައުލެއް ހޯދުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެ މުހިއްމު މަސައްކަތް. އެއަށްފަހު ވެރިކަންވެސް އޮންނާނީ," ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ، ސަރުކާރުން މިއަދު ދައްކަން މަސައްކަތް ކުރަނީ، ގަޓު ހުރި ކެރޭ ބައެއްގެ ގޮތުގައި ކަމަށާއި އަދި ބޭރު މީހުންނަށް ބަސް ނުބުނެވޭނެ ކަމަށް ދެއްކުމަށް ގިނަ ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ. މިކަމާ އެއްވެސް ވަރަކަށް ދިމާ ނުވާ ވާހަކަތެއް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވި ކަމަށެވެ. އެގޮތުން ކުރިން ކުށްވެރިވެފައިވާ ޓެރަރިސްޓުންނާއި މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވި އިރު މިއަދު އެހެން ބުނި ފަރާތްތަކާ ވާހަކަ ދައްކާނެ ކަމަށް ވިދާޅުވި ކަމަށެވެ.
މިއަދު ސަރުކާރުގެ އިސްވެރިންގެ ވާހަކާއިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި ދެދުވަހު ދައްކާ ވާހަކައެއް ދިމާ ނުވާ ކަމަށެވެ.
ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރާއްޖެއަށް މިވަގުތު ގެންނަން ޖެހޭ ހާލަތެއް ނޫން ކަމަށާއި މިއީ ގާނޫނީ އިމުން ބޭރުން ކުރަމުންދާ ކަމެއް ކަމަށެވެ. ވެރިކަމަށް ހުންނަ ފަރާތަކީ ބޭނުންހާ ގޮތެއް ނުވަތަ ހިތަށް އެރިގޮތަށް އަމަލު ކުރަން ހުންނަ ފަރާތެއް ނޫން ކަމަށާއި ވެރިކަމުގައި ހުންނަ ފަރާތްވެސް އަމަލު ކުރަންޖެހޭނެ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.