ބާރަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި އެވެ.
މި ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ބިލްގައިވަނީ 13 ޖުލައި 2017 އިން ފެށިގެން އަމަލު ކުރާ ގޮތަށް ކަމަށެވެ. މިފަދަ ގޮތަކަށް ބެކް ޑޭޓަކަށް ބިލްތައް ފާސްކުރުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 35 މެމްބަރުންގެ އިއްތިފާގުން ނެވެ.
އެބިލް މަޖިލީހަށް ބަލައިގަތުމާއެކު އެބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.
އެންޓި ޑިފެކްޝަން ބިލް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު އެވެ.
މިޖަލްސާގައި ސަރުކާރު ކޯލިޝަނުން ތްރީލައިން ވިޕް ނެރެފައިވަނީ މެމްބަރުންނާ މަޝްވަރާ ނުކޮށެވެ.
އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިނގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ.