ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އެއަރޕޯޓުގެ ރަންވޭމަތިން ކައްސާލައިގެން އެކްސިޑެންޓްވި މަތިންދާބޯޓުގައި ދިވެއްސަކު އިންކަމަށާއި، އޭނާއަށް ފަރުވާ ދެމުންދާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ރާއްޖެ.އެމްވީ އަށް ލިބިފައިވާ ފްލައިޓް ޕެސެންޖަރ މެނިފެސްޓްގައިވާ ގޮތުން ފްލައިޓްގައި އިން ދިވެއްސަކީ ގައިނަކޮލޮޖީ (އަންހެނުންގެ ބަލިތައް) ދާއިރާއިން ސްޕެޝަލައިޒްވުމަށް ކިޔަވަމުން ދިޔަ ޑރ. ރިޒާނާ އަބްދުﷲ އެވެ. އެނގިފައިވާ ގޮތުގައި ޑރ. ރިޒާނާގެ ހަށިގަނޑުގަށް ބޭރު ފުށުން ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފައެވެ.
ޚާރިޖިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ ޑރ. ރިޒާނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާގެ ޙާލު ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހުންނަ ދިވެހި އެމްބަސީއިންނާއި ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ދިވެހި އެމްބަސީއިން، ކަތަމަންޑޫގައި ހުންނަ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ބަލަމުން އަންނަކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
ކަތަމަންޑޫގައި މިއަދު އެކްސިޑެންޓްވީ ބަންގްލަދޭޝްގެ އެއަރލައިނެއްކަމަށްވާ ޔޫއެސް-ބަންގްލާ އެއަރލައިންސްގެ މަތިންދާބޯޓެކެވެ.
މިމަތިންދާބޯޓުން 67 ފަސިންޖަރުންނާއި 4 ފަޅުވެރިން ދަތުކުރިއެވެ. އެކްސިޑެންޓްވެ، މަތިންދާބޯޓުގައި އަލިފާންރޯވުމުގެ ސަބަބުން 49 މީހަކު މަރުވިކަން ކަށަވަރުވާ ކަމަށް އޮފިޝަލުން ބުނެއެވެ. މަތިންދާބޯޓުން ދަތުރުކުރި ދިވެހި ޑޮކްޓަރާއި ޗައިނާ މީހެއްގެ އިތުރުން ދެން ތިބީ މުޅިން ވެސް ބަންގްލަދޭޝް މީހުންނާއި ނޭޕާލް މީހުންނެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ތްރިބޫވާން އެއަރޕޯޓަށް ޖެއްސި މަތިންދާބޯޓު ރަންވޭއިން ކައްސާލި ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް މަތިންދާބޯޓު ޖެއްސީ، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރުން ރަންވޭގައި ޖައްސަން ބުނި ކޮޅު ނޫން އަނެއްކޮޅުން ކަމަށް ނޭޕާލް ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ޕައިލެޓް އެހެން ހެދީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ. ފްލައިޓް ރަންވޭ މަތިން ކައްސާލުމާއިއެކު ފްލައިޓްގައި އަލިފާން ރޯވިއެވެ.