ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގެ ތިން ސަރަހައްދެއްގައި މިރޭ މުޒާހަރާ ކުރަން ނިންމައިފިއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް ގޮވާލައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ މަގުމަތީ ހަރަކާތް މިރޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ މާވެޔޮމަގު ކަންމަތީގަޔާއި، ރަށްދެބައި މަގު މަގާއި، މަޖީދީ މަގު ހަތް ދިހަ ނަންބަރު ފިހާރަ ކުރިމަތީގެ އިތުރުން ޖަނަވަރީމަގު އިވިނިން ގްލޯރީ ކަންމަތީގައެވެ. މިރޭގެ ހަަރަކާތް ފެށުމަށް ނިންމާފައި ވަނީ 9:00 އަށެވެ.
މިރޭގެ ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލާފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 34 ދުވަސް ވަނީ ވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ހުންނަތާ 34 ދުވަސް ވަނީ ވެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ފަރާތްތައް ބަންދުކޮށްފައި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ކޯޓު މެދުވެރިކޮށް ބަންދުގެ މުއްދަތު ޖެހުމެއް ނެތިއެވެ.