މިދިޔަ ފެބްރުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ައަށް ލިބުނު އާމްދަނީ 19.4 ޕަސެންންޓް އިތުރުވެއްޖެއެވެ.
މީރާއިން ބުނީ މިދިޔަ ފެބްރުއަރީ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަޑު ސަބަބުތަކަކީ، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމާއި، 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއާރޕޯޓު ޑިވެލޮޕްމަންޓް ފީ މި މަހުގެ ތެރޭގައި ބަލައިގަނެފައިވުން ކަމަށެވެ. ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު %13.6 އިތުރުވެފައިވުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ފެބުރުއަރީ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %63.7 ނުވަތަ 800.11 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އެވެ. އެއީ %9.8 ނުވަތަ 122.88 މިލިއަން ރުފިޔާއެވެ. އަދި ގްރީން ޓެކްސް (77.35 މިލިއަން ރުފިޔާ ނުވަތަ %6.2)، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (65.61 މިލިއަން ރުފިޔާ ނުވަތަ %5.2)، އެއަރޕޯޓު ސާރވިސް ޗާޖެސް (65.58 މިލިއަން ރުފިޔާ ނުވަތަ %5.2) އަދި އެހެނިހެން ޓެކުހާއި ފީ (124.10 މިލިއަން ރުފިޔާ ނުވަތަ %9.9) ހިމެނެއެވެ.
ފެބްރުއަރީގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 54.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.