ދިވެހި ދައުލަތް އެކުލެވިގެން ވަނީ ތިންބާރުގެ މައްޗަށް ކަމަށާއި، އެގޮތުން ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ މަޖިލީހުގެ މެމްބަރުކަން ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމެޓީއެއްގައި ހިމެނޭ ދެތިން މެމްބަރަކަށް ލިބިދޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 35 މެމްބަރުންގެ އިއްތިފާގުންނެވެ.
އެބިލް މަޖިލީހަށް ބަލައިގަތުމާއެކު އެބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.
އެންޓި ޑިފެކްޝަން ބިލް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުއެވެ.
މިޖަލްސާގައި ސަރުކާރު ކޯލިޝަނުން ތްރީލައިން ވިޕް ނެރެފައިވަނީ މެމްބަރުންނާ މަޝްވަރާ ނުކޮށެވެ.
އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ.
ބިލުގައިވާ ގޮތުގައި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އޭނާގެ މައްޗަށް ވެސް ހިނގާނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންގެ މައްޗަށް ހިނގާ އުސޫލެވެ. އެގޮތުން، އޭނާ ގުޅޭ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ޚިޔާލު ތަފާތުވުން ބޮޑުވި، ސިޔާސީ ޕާޓީގެ ގާނޫނުގެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އެ މާއްދާއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.
އެ މާއްދާގައިވަނީ، ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި، ޝަރީއަތް ކުރިއަށްދިޔައިރު، މި މާއްދާ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތުތައް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީގެ މި މާއްދާއަށް އިސްލާހު ގެނެއުމެއް ނެތި، މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ގާނޫނެއް ހަދައިފިނަމަ އެކަން ގާނޫނު އަސާސީއާ ތައާރުޒުވާނެއެވެ.
އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ނިހާނު ހުށަހެޅުއްވިއިރު، 12 މެމްބަރެއްގެ ގޮނޑީގެ މައްސަލަ ފެންމަތިވެ، ސަރުކާރު ކޯލިޝަނަށް ވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފައެވެ.