އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ނިންމައިފިއެވެ.
މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި މޯދީގެ ރޯލު ކުޅޭ ތަރި މިހާރު ވަނީ ޔަގީން ވެފައެވެ. ޚަބަރުތައް ބުނާގޮތުގައި މޯދީގެ ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު އެކްޓަރ އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރާ ޝަތްރުގާން ސިންހާ އެވެ. ޝަތްރުގާން ސިންހާ އަށް ވަނީ އިނގެރޭސިވިލާތުގެ ނޫހެއް ކަމަށްވާ ބްރިޓިޝް އޭޝިއަން ވޮއިސް ވީކްލީ އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕޮލިޓިކަލް އެންޑް ޕަބްލިކް ލައިފް އެވޯޑްސް ލިބިފައެވެ.
އޭނާ އަށް ލިބިފައިވާ އެވޯޑަކީ ސިޔާސީ ދާއިރާ އާއި ފަންނުވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ ރޮގުން ލައިފްޓައިމް އެޗީވްމަންޓްސް އެވޯޑް އެވެ. މި އެވޯޑް ލިބުނު ހަފްލާގައި ވާހަކަ ދައްކަމުން ޝަތްރުގާން ސިންހާ ބުނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި މޯދީ ކަހަލަ ލާމަސީލު ބޭފުޅެއްގެ ރޯލު ކުޅެން ބޭނުން ނުވާނެ މީހަކު ނުހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ޕްރޮޑިއުސް ކުރާނީ ޝީތަލް ތަލްވާރްއެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރާނީ ޝީތަލްގެ އަންހެނުން ބާވްނާ ތަލްވާރް އެވެ.