އަންނަ މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޑާކްރެއިން އެންޓަޓައިންމަންޓުން މިއަހަރު ނެރޭ ދެވަނަ ފިލްމު ގޮށްރާޅު ޕްރިމިއާ ކުރުން ފަސްކޮށްފިއެވެ.
ޑާކްރެއިން އެންޓަޓައިންމަންޓުގެ މިއަހަރުގެ ފުރަތަމަ ފިލްމު ކަމަށްވާ ވަކިން ލޯބިން ރިލީޒް ކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ގޮށްރާޅު ޕްރިމިއާ ކުރުން ލަސްކޮށްފައި ވަނީ ވަކިން ލޯބިންއަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ލިބެމުންދާތީއެވެ. އަދި ވަކިން ލޯބިންގެ އިތުރު ޝޯތަކެއް ދެއްކުމަށް ބެލުންތެރިން އެދެމުންދާތީ އާއި އޮލިމްޕަހުގައި ފިލްމު އެޅުވުމަށް ބުކިން ލިބިފައި ހުރީ އެކި ދުވަސްވަރަށް ކަމުގައި ވާތީއެވެ. ގޮށްރާޅު ޕްރިމިއާ ކުރުން ލަސްކޮށްފައިވާއިރު ލަސްކޮށްފައިވަނީ ކިހާދުވަހެއްގެ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މުޙައްމަދު އަލީ (މޮގަރ) އާއި އާއިޝަތު ފުވާދު ތައުފީޤެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމުން ކެމެރާގެ ކުރިމަތިންނާއި، ކެމެރާގެ ފުރަގަހުން ވެސް ފިލްމް އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ އާ ފަންނާނުން ނެރޭނެއެވެ.
ފިލްމުގެ ލީޑް އެއް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ، ހަސަން އިރުފާން (ޒަކިއްޓެ)، ޢައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދެވެ.