އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ 2018 އިން 2019 ވަނަ އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2017" ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރެވެމުންދާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރެކެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ ހަ ޑިރެކްޓަރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އާންމު ހިއްސާދާރުން ތަމްސީލު ކުރާ މެންބަރުންގެ ހުންނަންޖެހޭ ޝަރުތުތައް ގެޒެޓްކުރެވިފައިވާއިރު ނަން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މަރޗު 26 ވަނަ ދުވަހެވެ.
ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، އެފަރާތްތަކާއިއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅޭނެ އެވެ. ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެސްޓީއޯއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 301.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެސްޓީއޯ އަށް ސާދު ފައިދާގެ ގޮތުގައި ލިބިފައިވަނީ 435 މިލިއަން ރުފިޔާ އެވެ.