ނުވަދިހަ ވަނަ އޮސްކާ އެވޯޑްސްގައި މިއަހަރާއި މިދިޔަ އަހަރުގައި މަރުވެފައިވާ އިންޑިއާގެ މަޝްހޫރު ދެ ފިލްމީ ތަރިންކަމަށްވާ ސްރީދޭވީ ކަޕޫރާއި ޝަޝީ ކަޕޫރަށް ޓްރިބިއުޓެއް ދީފިއެވެ.
އޮސްކާ އެވޯޑްސްގައި އެދެމީހުންނަށް ޓްރިބިއުޓެއް ދީފައިވަނީ އެދެމީހުން ފިލްމީ ދާއިރާއަށް ކޮށްދިން މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ސްރީދޭވީއާއި ޝަޝީގެ އިތުރުން ހަނދާންއާކޮށް ޓްރިބިއުޓް ދީފައިވާ އެހެން ފަންނާނުންނަކީ ޖޭމްސް ބޮންޑުގެ ތަރި ރޮޖަރ މޯރ، ގޯލްޑްބާގް އަދި ޖޯހަން ޖޮހަންސަން، ޖޯން ހާޑް އަދި ސަމް ޝެފާޑްއަށެވެ.
އޮސްކާ އެވޯޑްސް މިފަހަރުވެސް ހުށަހަޅާދިނީ މިދިޔަ އަހަރުގެ ހަފްލާ ހުށަހަޅާދިން ޖިމީ ކިމެލްއެވެ. މި ހަފްލާގައި ގިނަ ފަންނާނުންތަކެއްގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ.
ސްރީދޭވީ މަރުވެފައިވަނީ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް އުޅެނިކޮށް ފެބްރުއަރީ މަހުގެ 24 ގައެވެ. އޭނާ ވަނީ އިންޑިއާގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. ޓެމިލް އަދި ޓެލުގޫ ގިނަ ފިލްމުތަކެއްގައި އެކްޓް ކުރުމަށްފަހު ސްރީދޭވީ ބޮލީވުޑްގެ ފިލްމުތަކަށް ތަޢާރުފުވީ 1979 ވަނަ އަހަރު ސޮލްވާ ސާވަން އިންނެވެ.
ޝަޝީ ކަޕޫރު މަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގައެވެ. ޝަޝީ މަރުވެފައިވަނީ ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުންދަނިކޮށް އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ޝަޝީ ވަނީ ހިންދީ ފިލްމުތަކުގެ އިތުރުން އިނގިރޭސި ފިލްމުތައްވެސް ކުޅެފައެވެ. އޭނާ ކުޅެފައިވާ މަޝްހޫރު އިނގިރޭސި ފިލްމްތަކުގެ ތެރޭގައި "ޝޭކްސްޕިއަރ ވައްލާހް" އާއި "ބޮމްބޭ ޓޯކީ"، "އަ މެޓަރ އޮފް އިނޮސެންސް"، "ހީޓް އެންޑް ޑަސްޓް" އަދި "އިން ކަސްޓަޑީ" ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ހޮލީވޫޑްގެ މަޝްހޫރު ތަރި އަދި ބޮންޑްގެ ރޯލުންވެސް ފެނިގެން ގޮސްފައިވާ ޕިއާސް ބްރޮސްނަން އާއިއެކު (1988) ވަނަ އަހަރު "ދަ ޑިސީވާސް" ގައި އޭނާ ވަނީ އެކްޓް ކޮށްފައެވެ. އޭގެ ކުރިން 1996 ވަނަ އަހަރު މިނީ ސީރީޒެއް ކަމަށްވާ "ގުލިވާސް ޓްރެވެލްސް" ގައި ވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.