ވިއެޓްނާމް ހަނގުރާމަ ނިމުނު ފަހުން އެމެރިކާގެ ބޮޑެތި މަނަވަރުތަކުގެ ތެރެއިން މަނަވަރެއް ވިއެޓްނާމަށް ކުރާ ތާރީޚީ ދަތުރުގައި އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު، ކާލް ވިންސަން އެ ގައުމަށް ގޮސްފިއެވެ.
މި މަނަވަރު ބަނދަރުކުރާނީ ވިއެޓްނާމް ހަނގުރާމައިގެ އެމެރިކާގެ ސިފައިން އެންމެ ފުރަތަމަ ފޭބި ޑަނަންގް ބަނދަރަށެވެ. ކާލް ވިންސަންއަކީ ހަނގުރާމަތީ 90 މަތިންދާބޯޓް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ
މަނަވަރުގެ މި ދަތުރަކީ އަސްކަރީގޮތުން ދެ ގައުމުން ބަދަހިކުރަމުން އަންނަ ގުޅުން ދައްކުވައިދިނުމުގެ ޒިޔާރަތެކެވެ.
ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ވިއެޓްނާމާއި ޗައިނާއާއިދެމެދު ޚިލާފް ތަފާތުވުން އުފެދިފައިވާއިރު މި ގުޅުން ބަދަހިކުރަމުން ދިއުމަކީ ޗައިނާއަށް ދޭ މެސެޖެކެވެ.
ޗައިނާއަކީ މިހާރު ސަރަހައްދުގެ އެންމެ ބޮޑުބާރަށްވާއިރު ވިއެޓްނާމްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔަކީވެސް ޗައިނާއެވެ.
ބީބީސީގެ މުރާސިލު ބުނެފައިވާގޮތުގައި އަވަށްޓެރި ޗައިނާއާއިއެކު އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް އަރާފާނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ވިއެޓްނާމްގެ ކޮމިއުނިސްޓް ވެރިކަމުން އަހައްމިއްޔަތުކަން ދެއެވެ.
ފަރުތައްވެސް ހިމެނޭގޮތުން މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާއިމެދު ޗައިނާއިން ދައުވާކުރެއެވެ.