ކ. މާލެ
|
2 މާރޗް 2018 | ހުކުރު 19:50
ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
މުހައްމަދު ޝަރުހާން
ސިލްސިލާ މުޒާހަރާ
ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން
ޕެޕަރ ސްޕްރޭ ޖަހަނީ ބޮޑީ ސްޕްރޭ ޖަހާހެން ފޫޓެއްހާ ކައިރިން
ބައެއް ފުލުހުން ވާހަކަ ދައްކަމުން ދަނިކޮށްވެސް އަންނަ ބައެއް ފުލުހުން އަނިޔާ ކުރޭ
މަޑުމައިތިރި ކަމާއެކު ހަރަކާތްތެރިވާ ފުލުހުން އުޅޭ

މުޒާހަރާ ކުރާ މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަނީ އެވެރިންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުގެ ތެރެއިންނެވެ. އެންމެމަތީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު ކޯޓު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާ ކުރާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ.

މިހާލަތަށް އައިރު ތަފާތު މަންޒަރުތައް ދަނީ ފެންނަމުންނެވެ. ޤާނޫނާ ޚިލާފަށް އަދި ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރާން ހިންގާ ކަންކަމުގެ ތެރެއިން ނެރޭ ފުލުހުންގެ ފަރާތުން ވެސް ތަފާތު ކަންކަން ދަނީ ފެންނަމުންނެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިން މަގުމަތީގައި ސުލްހަވެރިކަމާއެކު އަޑުއުފުލަމުން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަނެފައެވެ. އަދި ބޮޑީ ސްޕްރޭ ޖަހާހެން ބައެއް ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ފޫޓަކަށް ވުރެ ކައިރީގައި ހުރެ ސީދާ ލޮލަށް އަމާޒުކޮށްގެން ވެސް ބައެއް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހުކުރު ދުވަހު އަނިޔާވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ މަންމާފުޅާއި ކާނަލް ނާޒިމްގެ އަނބިކަނބަލުން އަދި ޝައިޚް އިމްރާންގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވައެވެ.

އެއްވެސް ހަތިޔާރަކާ ނުލައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެގާތު ބައެއް ފުލުހުން ހަމަޖެހިލައިގެން ތިބޭއިރު އަނިޔާވެރި ގޮތަކަށް އަމަލު ކޮށްފައިވަނީވެސް އެތަނަށް އަންނަ ވަކިވަކި ބައެއް ފުލުހުން ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި އެގޮތަށް ކަން ކުރަނީ އެފުލުހުންގެ ތެރޭގައި ޢާއްމުކޮށް އެގޮތަށް ޢަމަލް ކުރަމުންދާ ފުލުހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ކުއްލިއަކަށް ކޮޅުފައިން ޖެހުމާއި ކޮއްޕާލުމުގެ އިތުރުން ކަރުގައި ހިފުންފަދަ ބައެއް ޢަމަލްތައް ވެސް ވަނީ އެފަދަ ފުލުހުންގެ ފަރާތުން ފެނިފައެވެ.

ޢާއްމު ގޮތެއްގައި މީހުން ހައްޔަރު ކުރުމާއި މީހުން މައިތިރި ކުރުމުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވާތީއެއް ނުފެނެއެވެ. އެމީހުންގެ ކަމަކީ މަގުމަތީގައި އުޅަނދު ދުއްވާނޭގޮތް ބުނެދިނުމާއި މަގުމަތި ޓްރެފިކް ޖޭމް ނުވާނޭ ގޮތަކަށް ކަންކުރުމެވެ.

ނަމަވެސް ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން ބައިވެރިއަކު ހައްޔަރުކުރުމުގައި ޓްރެފިކް ފުލުހުންގެ ތެރެއިންވެސް ބަޔަކު ވަނީ އެމީހުން ފެންވަރު ދައްކާލާފައެވެ.

ސިލްސިލާ މުޒާހަރާ ކުރާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ބައެއް ފުލުހުންގެ ފަރާތުން އަނިޔާވެރި ފުލުހުން އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާއިރު އެއާ ދިމާ އިދިކޮޅު ފުލުހުންވެސް ދަނީ ފެންނަމުންނެވެ. އެއްވާ މީހުންނާ ސުލްހަވެރިކަމާއެކު ވާހަކަ ދައްކާ ފުލުހުންނެވެ. ކިޔަމަންތެރިކަމާއެކު މުއާމަލާކޮށް ހިނިތުންވެ ހުރެ މީހުންނާ މެދު ޢަމަލް ކުރާ ފުލުހުންނެވެ. އަމުދުން އަނިޔާވެރިވާ ފުލުހުން މައިރތިރިކުރުމުގައި ހަރަކާތްތެރިވާ ފުލުހުންވެސް ހިސާބަކަށް ވަނީ ފެންނަން ފަށާފައެވެ.

ކޮންމެއަކަސް މުޒާހަރާގެ ތެރެއިން ދެކުލަ ވެސް ފެންނަމުންދާއިރު ރައްޔިތުން ބުނަމުންދަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ކަންކަން ރުޖޫއަ ނުވާހާ ހިނދު މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. ކޯޓު އަމުރު ތަންފީޒް ނުކުރަނީސް ގެއަށް ވަދެވެން ނެތް ކަމަށެވެ. ޖަވާބުގައި ޤާނޫނީ ޖަވާބެއް ދެވެން ނެތި ފުލުހުން ވަނީ އަނގަ ބަންދުވެފައެވެ.

- ކޮމެންޓް