ގާތުގައި ގެންގުޅޭ ކުދިން ބުނަމުންދަނީ ރައީސް ޔާމީނަކީ ގަޓު ހުރި ރައީސެއް ކަމަށެވެ. ޕެނަޑޯލާ ޗޮކްލެޓް ޕެކްކޮށްދޭ އިއްޒަތްތެރި މެންބަރުން މުޅި މަޖިލިސް ފްލޯގައި ވެސް ދައްކަވަނީ އެވާހަކައެވެ. އެންމެ 25 ހަކަށް ޕޮއިންޓުން ފްލެޓް ޚަލާސްވި ޕާޓީ މެންބަރުންވެސް އެނޫން ވާހަކައެއް ނުދައްކައެވެ.
އެކަމާ ވިސްނާ ވިސްނާ ބޯހަލާކު ވެއްޖެއެވެ. ކިތައްމެ ވަރަކަށް އެކަމާ ފިކުރު ކުރިއަސް އެވިދާޅުވާ ނަތީޖާ ނުފެންނާތީ ކަންބޮޑުވެއްޖެއެވެ. އެއްކޮށް ކަނޑާ ގުނަކޮށްކޮށްގެން ވެސް އެވިދާޅުވާ ބަސް އެއައި ގޮތެއް ސިކުނޑިއަކަށް ނުނެގުނެވެ.
އަޅުގަނޑުގެ މިނުވިސްނޭ ސިކުންޑިއަށް އެކަން ފަހުމް ނުވި ބައެއް ސަބަބުތައް ދަންނަވާލާނަމެވެ. ކަނުލާ އަޑުއައްސަވާށެވެ.
ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަކީ އޭރުގެ މުލަކު ދާއިރާގެ މެންބަރު މިހާރުގެ ރައީސް ޔާމީނާ ދެހަށިގަނޑެއްގައިވާ އެއްފުރާނައެއް ފަދަ ގާތް ދެބޭފުޅުންނެވެ. އޭރު ދެކެވުނު ގޮތުން ނަމަ އަދި ފެނުނު މަންޒަރުތަކުން ނަމަ ރައީސް ޔާމީނަށްޓަކައި ހުރިހާ ކަމެއް ކުރައްވާ ބޭފުޅަކީ ނާޒިމެވެ. އެކަމަކު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ފެނުނީ ނާޒިމް ޖަލުގެ ތޭރިތަކުގެ ފަހަތަށް ކޮއްޕާލިތަނެވެ. ވީ ކިހިނެއްތޯ ބަލާލިއިރު ފެނުނީ ނާޒިމަށް ވުރެ އަރިސް ބޭފުޅެއް ހުންނެވި ތަނެވެ. ޕީޕީއެމްގެ އޭޓީމް މެޝިންގެ ގޮތުގައި ބުނަމުން އައި އަހުމަދު އަދީބު އެ އަށް ވުރެ ގާތުގައި ހުންނެވިތަނެވެ. ދެކެވެމުން ދިޔައީ މާގިނަ ފައިސާ އަދީބު މެދުވެރިކޮށްލިބޭ ވާހަކައެވެ. އެކަމަށްޓަކައި އެންމެ ގާތް އެކުވެރިޔާ ޤުރުބާން ކުރީއެވެ. ގަޓާއެކު ކުރެއްވި ކަމެއްގެ ގޮތުގައެވެ.
މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ޑިފެންސް މިނިސްޓަރ ނާޒިމް ދެއްކެވި ލީޑަރޝިޕާ އެކު ރައްޔިތުންގެ ތާއީދު ނާޒިމަށް އޮހެން ފެށިއެވެ. އޭގެ ނަތީޖާ ފެނިގެން ދިޔައީ ނާޒިމަށް ނޭނގި ގޭގައި ބޭއްވި ފިސްތޯލައެއް ބޮލުއަޅުވާ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ހުރަގެއަށް ދާން ޖެހުމެވެ. ސަރުކާރު ތެރެއިން އެހެން މީހަކަށް ލިބުނު ތާއީދުގެ ކަންކަން ފުރިހަމަ ގަޓާ އެކު ޚަލާސް ކޮށްލީއެވެ.
ވެރިކަމަށް ވަޑައިގެންނެވުމާ އެކު ރައީސް ނަޝީދު ހައްޔަރުކޮށް ބޮޑު ހުކުމެއް ކޮށްފިއެވެ. އެތެރެ ކޮއިލުން އިވުނު ގޮތުގައި އެއީ ސިޔާސީ ގޮތުން ބާރު ހޯދުމަށް ކުރެއްވި ކަމެކެވެ. ރައީސް ނަޝީދަށް ކުރާ ތާއީދު ގެއްލުވާލައި، އެތާއީދު ރައީސް ޔާމީނާ ދިމާލަށް އަނބުރާ ލެއްވުމަށެވެ. މި ފަހަރު ވެސް ގަޓް މިދައްކާލީ ވާދަވެރިކަމާ އެކު ތާއީދު ހޯދުމުގެ ބަދަލުގައި ޝޯޓް ކަޓަކުންނެވެ.
ޤާސިމް އިބްރާހީމަކީ މިވެރިކަން ގެންނެވި އެއްބޭފުޅާއެވެ. މިހާރު މިއޮތް މަޖިލިސް ފެށުނީ ހިސާބަކަށް ޖޭޕީގެ މެންބަރުން ކޮޅަކާ އެކުގައެވެ. ކުޅިކުޅިވަރު ދައްކަފާނެތީ ފުރަތަމަ ގެންނެވީ ގާސިމްގެ ގާތު ތިއްބެވި މަޖިލިސް މެންބަރުން ކޮޅެވެ. ގެނެވުނިއްޔާ ގެނެވުނު ގޮތަކަށެވެ. އޭގެ ތެރެއަށް އަމިއްލަ މެންބަރުންކޮޅާ އެހެން ޕާޓީތަކުން ގެނައި މެންބަރުންނާ އެކު ކުރިންނެއް މަޖިލީހުގެ މެޖޯރިޓީ އަތުލީއެވެ. އެކަމަށްޓަކައި ހިރި ނުލެވޭ ވަރަށް ޤާސިމަށް ބިރުދައްކައި މުޅި ސިޔާސީ މައިދާނުން ޤާސިމް އެއްކައިރިކޮށްލިއެވެ. އަމުދުން ރައީސް ކަމަށް ކުރިމަތިނުލެއްވޭ ވަރަށް ޤާނޫނު އަސާސީ ބަދަލުކޮށް ކުރިމަތި ނުލެވޭ އުމުރު ވެސް 65 އަށް ޖައްސާލީއެވެ. ހަމަ ގަޓާއެކުގައެވެ.
އެހާތަނަށް އައިރު ވައްކަމާއި ކޮރަޕްޝަން ބޮޑުވެއްޖެއެވެ. ސީދާ ސަރުކާރުން އެކަންކުރާކަން ފަޅާއަރައިފިއެވެ. މި ފަހަރު ވެސް ގަޓް ދެއްކެވީ އެހެން ގޮތަކުންނެވެ. ސަރުކާރުގެ ވައްކަންތައް ހާމަކުރެއްވި އޮޑިޓަރޖެނެރަލް ބޭރުކޮށްލީއެވެ.
އެހިސާބަށް އައިރު ގަޓް ދެއްކެވުމުގެ ގޮތުން އެހެން ކަމެއް ވެސް ކުރައްވައިފިއެވެ. ނުސިޔާނު އަމުރެއް ނެރެފާނެތީ ކޯޓުތައް ފައިކޭޓަށް ކަހާލުމަށެވެ. ސުޕްރީމް ކޯޓުގެ ބާރު މުށުތެރެއަށްލައި އޭރުގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހޭވެސް އަހާނުލައި އެކޯޓުގެ ބެންޗުން ބޭރުކޮށްލުމެވެ.
ރައްޔިތުންގެ ހާލު އަހުވާލު ހިސާބަކަށް ބައްލަވާ ޢާއްމުގެ މުހުތާދުތައް އައްސަވަމުން ގެންދެވި އޭރުގެ ނައިބު ރައީސް ޑރ ޖަމީލްގެ އެ އަމަލްތައް ބަލާކަށް ގަޓެއް ދައްކަވައެއް ނުލެވުނެވެ. އެގަޓް ދެއްކެއް ނެތްކަން ހާމަކުރެއްވީ ނައިބު ރައީސް ކަމުން ޖަމީލް ބޭރުކުރައްވާ އުމުރު ވެސް ހަމަނުވާ ކުޑަކުއްޖަކު ގެނެސް އެމަޤާމަށް ލެއްވުމެވެ.
ޕާޓީގެ މައި އޮފީސް ތެރެއަށް ނުކުމެވަޑައިގެން ގަޓްގައި މަސައްކަތް ކުރައްވައިގެން ތާއީދު ހޯއްދަވާކަށް ރައީސް ޔާމީނަކަށް ކަމަކު ނުދިޔައެވެ. އެކަމަކު ގަޓާއެކު ހެއްދެވި މެޑަމް އޮފީހުން ވެސް އެތާއީދެއް ހޯދޭ ގޮތެއް ނުވިއެވެ. ކައުންސިލަށް ނޭނގި ބާއްވަމުންދިޔަ މަހާސިންތާ ތަކުން ވެސް ޕާޓީގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަން އެނގުނީމާ ދެން އެ އެޅުއްވީ މާ ގަޓްހުރި ފިޔަވަޅެކެވެ. ވެރިކަމަށް ގެންނެވި އެއްބަފާ ތުއްތޮންބެ އަތުން ޕާޓީ ޖަހައިގަނެ އެފަކީރު ގެންގޮސް ހައްޔަރު ވެސް ކުރީއެވެ.
ދީބުގެ އަދީބު ފެންމަތީގައި ބަހައްޓައިގެން ކަމުނުދާނެކަން ރައީސް ޔާމީނަށް ވިސްނުމާ އެކު ފެނުނީ 500 ޕަސެންޓް އިތުބާރުކުރެއްވި އެންމެ ގާތް އަދީބު ޖަލަށް ވަންނަވަން ޖެހުނުތަނެވެ. ބަޔަކު ބުނަނީ ފައިސާ ބެހުމުގައި ބައި އެޅުނު ގޮތް ކަމުނުދިޔައީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ވެރިކަން ބަދަލުކޮށް ނާއިބު ރައީސް ވެރިކަމަށް އައިސްދާނެތީ ކަމަށެވެ. ކޮންމެއަކަސް މިފަހަރު ވެސް ގަޓް މިދައްކާލީ މުޅިން އެހެން ގޮތަކަށެވެ.
ގެންދިޔަ މެންބަރުންކޮޅު އަނެއްކާ ވެސް ކޮޅު ބަދަލުކޮށްލައިފިއެވެ. ރައީސް ޔާމީނާއި ސަރުކާރު ދޫކޮށް އިދިކޮޅު މީހުންނާ ގުޅިއްޖެއެވެ. އިސާހިތަކު ހިތުހުރިގޮތަކަށް މޮޑެން އޮތް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެވެ. އަނެއްކާ ވެސް މޮޅު ގަޓެއް ދައްކާލައިފިއެވެ. އަދި 5000 މީހުންގެ ވޯޓުން މަޖިލީހަށް ވަދެ އެމަޖިލީހުން އައްޔަންކުރި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެމަޖިލީހުގެ މެންބަރުކަން އަތުލައިފިއެވެ. މިފަހަރު ގަޓް ދައްކާލީ ފާޓުފުޅާ ބަންޑާރަނައިބު މެދުވެރިކޮށް ސުޕްރީމްކޯޓަށް ހުށަހެޅި ދެތިން ސޮފްހާގެ މައްސަލައަކުންނެވެ.
އެޔާއެކު މަޖިލިސް ތެރެއަށް ވަދެފާނެތީ އެމަޖިލީހުގެ ދޮރުގައި ބޮޑު ތަޅުއަޅުވައިފިއެވެ. އެމަޖިލީހަށް ވަން މެންބަރުން ކޮޅުވެސް އުފުލާލައިގެން މަޖިލީހުގެ ފާރުމަތިން ބޭރުކޮށްލައިފިއެވެ. މަޖިލީހުގެ ތެރެއިން ކަސިޔާރުކަމެއް ކޮށްފާނެތީ ދައްކާލި ވަރުގަދަ ގަޓެއްގެ ގޮތުގައެވެ.
ކޯޓުތަކުން ކުރާ ހުކުމާ ނެރޭ އަމުރަށް ނޫނީ ތަބާ ނުވާން ގަޓް ދައްކަމުން ގެންދެވި ރައީސް ހީފުޅު ނުކުރައްވާ އެންމެ އަމުރެއް ނެރެފިއެވެ. ކަމަކު ދާކަށް ނެތެވެ. ބޯޖެހިތާ ނަގޫޖަހާ ދުވެވަޑައިގެން ބަނޑޭރިގެ ތެރެއަށް ވަންނަވައިފިއެވެ. އޭރު ދިވެހި ސިފައިންނަށް ނުވެދާނެތީ ޗައިނާ އަސްކަރީއަށް ވެސް އެދިއްޖެ ކަމަށް އަޑުފެތުރިއްޖެއެވެ. މިފަހަރު ގަޓްދައްކާލީ މީހުން ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެއަމުރު ތަންފީޒް ކުރަން އުޅުނު ޕޮލިސް ކޮމިޝަނަރުން މަޤާމުން ދުރުކޮށްފިއެވެ. ޤާނޫނެއް ޤާނޫން އަސާސީއަކަށް ބެލުމެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. އެންމެ މަތީ ސުޕްރީމް ކޯޓު ސިފައިން ލައްވާ ހިސޯރުކޮށް އެކޯޓުގެ ފުރާޅުންވަދެ އުއްތަމަ ފަނޑިޔާރާ އެހެން ފަނޑިޔާރަކު ޖަހައިގަނެގެންގެންގޮސް ދޫނިދޫ ޖަލުގައި ބަންދުކޮށްފިއެވެ. ހަމަ އެންމެ އަމުރަކާ ހެދި ދެއްކެވި ގަޓެއްގެ ގޮތުގައެވެ.
ކޮންމެއަކަސް މިއީ އަޅުގަނޑަށް ފާހަގަ ކުރެވުނު ކަންކަމެވެ. ތިޔަބޭފުޅުން ނިންމަވާނެ ގޮތަކަށް ނިންމެވުމަށް ތިޔަބޭފުޅުންނަށް ދޫކޮށްލާނަމެވެ. ގަޓް ހުރި ރައީސެއްތޯ ނޫނީ ފިނޑި ސޮހޮލެއްތޯ ބުނާކަށް އަޅުގަނޑެއް ނެތީމެވެ. އެކަމަކު އެންމެ ވާހަކައެއް އަދި ބުނެލާނަމެވެ. އެކަމަކު އަޅުގަނޑުގެ ވާހަކައެއް ނޫނެވެ. މަޝްހޫރު މިއުޒީޝަން މެޒޯ މުހައްމަދުގެ ވާހަކަ ކޮޅެއް ކޮޕީކޮށްލާނަމެވެ. ފިނިފެންމާ ދޯނީގައި ބޮންގޮވާނެކަން ފަހުމްވީއިރު ބޮމާ ދިމާލުގައި މެޑަމް ބޭންދެވީ ކީއްވެގެންތޯއެވެ. އެއީ ވެސް މުޅި ދުނިޔެއަށް ދައްކާލީ ބޮޑު ގަޓެއްތޯއެވެ.