މަޝްހޫރު ފިލްމީތަރި ސްރީދޭވީ މަރުވީ މިދިޔަ ހޮނިހިރު ދުވަހުގައި ދުބާއީގައެވެ.
ސްރީދޭވީގެ ޖަނާޒާ ހޯމަދުވަހު ބާއްވާފައިވާއިރު މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓްތައް އާންމު ކޮށްފައިވާއިރު އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ސްރީދޭވީ މަރުވީ ގެނބިގެން ކަމަށެވެ. ސްރީދޭވީ ދުބާއީއަށް ގޮސް ހުރީ އާއިލާ މީހެއްގެ ކައިވެންޏަށެވެ. ދުބާއީގެ މެޑިކަލުން އާންމުކޮށްފައިވާ ޕޯސްޓް މޯޓަމް ރިޕޯޓުގައި ބުނެފައިވަނީ ސްރީދޭވީ ދުބާއީއަށް ގޮސް ހުރި ޖުމެއިރާ އެމިރޭޓްސް ޓަވާ ހޮޓެލްގެ ކޮޓަރީގެ ފާހާނާ ތެރޭގައި މަސްތުގެ ހާލަތުގައި އުޅެނިކޮށް ފެނުން ފުރިފައި ހުރި ބާތުޓަބް ތެރެއަށް ގެނބިގެން މަރުވީ ކަމަށެވެ. އަދި އޭނާ މަރުވިއިރު ހަށިގަނޑުން ބަނގުރަލުގެ އަސަރު ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ސްރީދޭވީގެ އާއިލާއިންނާއި ގާތްމީހުން ބުނެފައިވަނީ އޭނާއަކީ މީގެކުރިން ބާރުގަދަ މަސްތުވާތަކެތި ނުވަތަ ބާރުގަދަ ބަނގުރާ ބޭނުންކުރާ މީހެއް ނޫން ކަމަށާއި އޭނާއަކީ މީގެ ކުރިން ހިތުގެ މައްސަލައެއް ވެސް ހުންނަ މީހެއް ނޫން ކަމަށެވެ.
ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. 50 އަހަރު ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ ސްރީދޭވީގެ މަރާއި ގުޅިގެން އެކި ވާހަކަތައް ދެކެވެމުންދާއިރު ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ އޭނާ މަރުވީ ދާދިފަހުން އޭނާ ހެދި ޕްލާސްޓިކް ސާޖަރީއެއްގެ ސަބަބުން ކަމަށެވެ
މަރުވިއިރު ސްރީދޭވީގެ އުމުރުން 54 އަހަރެވެ. އޭނާ މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރާއެވެ. ބޮނީ އާއި ސްރީދޭވީއަށް ދެކުދިން ލިބިފައިވެއެވެ.
ބޮނީ އާއި ކައިވެނި ކުރުމުގެ ކުރިން ސްރީދޭވީ ވަނީ ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރަބޮތީ އާއިވެސް ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ.
ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ބޮލީވުޑްގެ ފަންނާނުންނާއި، އިންޑިއާގެ ރައްޔިތުން ހިމެނޭގޮތަށް ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުންދާއިރު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީވެސް ވަނީ ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. މޯދީ ވިދާޅުވީ ސްރީދޭވީގެ ދިގު ފިލްމީ ކެރިއަރުގައި ވަރަށް މޮޅު ޕާފޯމަންސްތަކެއް ދައްކާފައިވާ ކަމަށެވެ.
އޭނާ ވަނީ އިންޑިއާގެ އެކި ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އޭނާ ކުޅުނު ހިންދީ، ތަމަޅަ އަދި ތެލުގޫ ފަދަ ބަސްތަކުގެ ފިލްމުގެ އަދަދު 300 އަށް ވުރެ ގިނަ އެވެ. ސްރީދޭވީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރު ނުކުތް "މޮމް" އެވެ. އޭނާއަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ކަންކަން ބެލުމަށް ދުބާއީ ފުލުހުން ވަނީ ޕަބްލިކް ޕްރޮސެކިއުޝަނަށް ހުށަހަޅައިފަ އެވެ.