އާދީއްތަ ދުވަހުގެ ހެނދުނު ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިއަކުން ވެއްޓުނު ބިދޭސީ މީހާ މިހާރު އޮތީ ކޯމާއެއްގައި ކަމަށާއި މިހާރު އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ކަމަށް ބުނާ ބިދޭސީ ފިރިހެނެއް އެ ހޮސްޕިޓަލަށް ގެނެސްފައިވާ އާދިއްތަ ދުވަހުގެ 11:40 ހާއިރު ކަމަށެވެ. ހޮސްޕިޓަލަށް އޭނާ ގެނައިއިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓުނީ ހުޅުމާލެ ފްލެޓް ނަމްބަރު 5 ގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅީގެ ތެރެއަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކިތަންތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އިތުރު ފަރުވާ ދިނުމަށް އޭނާ އޭޑީކޭއަށް ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގައެވެ.