ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު މާލެއާއި އެކި ރަށްރަށުގައި ބާއްވަމުންދާ މުޒާހަރާތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޖަލު ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
ކުއލްި ނުރައްކަލުގެ ހާލަތާއި ގުޅިގެން "ރާއްޖެޓީވީ"އިން ގެނެސްދޭ ކަވަރޭޖްގައި ވާހަކަ ދައްވަކަމުން މަހްލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމު ވިދާޅުވީ މިހާތަނަށް މަހްލޫފްއާ ބައްދަލު ކުރެވޭގޮތް ވެފައިނުވާ ކަމަށާއި، ނަމަވެސް ފުލުހަށްގޮސް ވަރަށް އާދޭސްކޮށްގެން ފޯން ކޯލެއް މިދިޔަ ހުކުރު ދުވަހު ލިބުނު ކަމަށެވެ. އެ ފޯނު ކޯލުގައި ވީހާވެސް ގިނަ ރައްޔިތުން މުޒާހަރާތަކުގައި ބައިވެރިވުމަށް މަހްލޫފް އެދިލައްވާފައިވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.
މީގެއިތުރުން ނަޒޫ ވިދާޅުވީ މަހްލޫފް ހައްޔަރުކޮށްފައިވަނީ މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ނަޒޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް ހައްޔަރުކޮށްފައިވާތީ، މަހްލޫފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ވެސް ފުލުހުން ބުނެދީފައި ނުވާ ކަމަށެވެ.
ނަޒޫ ވިދާޅުވީ މަހްލޫފް ބަހައްޓާފައި ވަނީ ސިޔާސީ ގޮތުން މިހާރު ހައްޔަރު ކޮށްފައިވާ ފަރާތްތަކާ އެކަހެރިކޮށް، ވަކިން ކަމަށެވެ. މަހްލޫފް އާ ބައްދަލު ކުރުމަށް ފޯމް ލާފައިވާ ކަމަށާއި ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް ނަޒޫ ވިދާޅުވި އެވެ.
ނަޒޫ ވިދާޅުވީ މުޒާހަރާތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސް ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ އަނބިދަރިންނާއި އާއިލާތަކަށް ޖެއްސުންކޮށް އަނިޔާވެރި އަމަލުތައް ހިންގިނަމަވެސް އެއިން ސަރުކާރަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި ސަރުކާރު އިތުރަށް ބަލިކަށިވުން ނޫންކަމެއް ނުވާނެ ކަމަށެވެ.
މަހްލޫފް ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.