ކުއްލި ނުރައްކަލުގެ ޙާލަތުގެ މެދުތެރެއިން އިންތިޚާބުގެ ވާހަކަ ދައްކަން ސަރުކާރުން ފެށުމަކީ ސަރުކާރުން ކުޅޭ ޑްރާމާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަ ކުރައްވައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އިންތިޚާބުގެ ވާހަކަ ސަރުކާރުން ދައްކަނީ ކަންތައްތައް ދަނީ ރަނގަޅަށް ކަމަށް ބޭރު ދުނިޔެއަށް ދެއްކުމަށް ކަމަށެވެ. އަދި އިންތިޚާބުގެ ވާހަކަ ދައްކާނެ ފަދަ މާޙައުލެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގައި ނުވަތަ އަރުވާލެވިގެން ޤައުމުން ބޭރުގައި ކަމަށާއި، އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް އިދިކޮޅު ލީޑަރަކަށް ފުރުސަތު ނެތް ކަމަށެވެ. އަދި އިދިކޮޅު ލީޑަރުން ޖަލަށް ލައިގެން، ސުޕްރީމް ކޯޓު ހިސާރުކޮށް، އުއްތަމަފަނޑިޔާރު ޖަލަށް ލައިގެން ބާއްވާ އިންތިޚާބެއް ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ވެސް ޤަބޫލު ނުކުރާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ރާއްޖެ މިހާރު އޮތް ހާލަތަށް ރިޢާޔަތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ މާހައުލެއް ނެތް ކަމަށާއި، އިންތިޚާބުގެ ވާހަކަ ވެސް ދައްކާނެ މާހައުލެއް ނެތްކަމަށެވެ.
އިންޑިއާގެ މީޑިއާއާއި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ރޯލެއް އަދާކޮށްދޭން ޖެހޭ ކަމަށާއި، ޚާއްސަކޮށް އިންޑިއާއިން އެހީތެރިވާން ޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން ރާއްޖޭގައި އަލުން ޑިމޮކްރަސީ އަށަގެންނެވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ކުރާ މަސައްކަތުގެ އިސް ރޯލެއް އިންޑިއާއިން އަދާކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާވެސް ރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ، ހަމަޖެހުން ޤާއިމްވެފައި އޮންނަތަން ދެކެން ބޭނުންވާނެ ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ޑރ. ޖަމީލު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.