މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސްފަނޑިޔާރުން އިއްތިފާޤުވެވަޑައިގެން ނެރުއްވި ޙުކުމް ތަންފީޒުކުރުމަށް، ސަރުކާރަށް ގޮވާލައި، ލ. ގަމުގައި ޚާއްސަ ސިލްސިލާ އިހުތިޖާޖެއް ފަށަން ނިންމައިފިއެވެ.
ލ. ގަމު ކައުންސިލްގެ ރައީސް، މުޙައްމަދު ޝިޔާމް ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެރޭ ކަމަށާއި، އިހުތިޖާޖު ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި ދުވަހުގެރޭ ކަމަށެވެ.
ރެލީތަކެއްގެ ގޮތިގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި އިހުތިޖާޖު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގައިވެސް އިހުތިޖާޖު އޮންނަ ދެރޭ، 21:00 އިން ފެށިގެން ގަމު ކައުންސިލް އިދާރާ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގެ އެ ޙުކުމް ތަންފީޒުކުރަންދެން އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަރޭ ނެރުނު ޙުކުމް ތަންފީޒުކުރުމަށް ގޮވާލައި ގަމުގައި އިހުތިޖާޖު ކުރުމަށް ނިންމާފައިވާއިރު، އެ ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.