ގައުމަށް ކުރިވެތިވެފައިވާ މިހާލަތުގައިވެސް ޕްރައިވެޓް ޖެޓްތައް ހުއްޓުމެއް ނެތި އަންނަމުންދާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި ކްރޫޒް ލައިންތަކާއި ބޮޑެތި ސަފާރީތައް ފުރިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މިފަދަ ބަނަ ދުވަސްވަރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރައްވަނީ ގައުމަށް ތަރައްޤީ ގެންނެވުމަށް ކަމަށާއި އެއަރލައިންތައް އަދިވެސް އޮތީ ފުރިފައި ކަމަށެވެ.
ސައީދު ވިދާޅުވީ، މިއީ ލިބޭ ނިއުމަތްތައް ކަމަށާއި ގައުމު ހަލާކު ކޮށްލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ނުވާ ކަމަށެވެ.
ސައީދު މިހެން ވިދާޅުވެފައިވާ އިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް އައުމަށް ރިޒަރވޭޝަން ހައްދާފައިވާ އެތަށް ބަޔަކު ރިޒަވޭޝަން ކެންސަލްކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް މަސްތަކަށްވެސް ބުކިން ލިބޭ ވަރު އިންތިހާއަށް މަދުވެފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. ފެބްރުއަރީ މަހަކީ އާންމުގޮތެއްގައި ރާއްޖޭގެ ބޮޑެތި މަޝްހޫރު ހުރިހާ ރިސޯޓެއް ފުލްވާ ދުވަސްވަރެއް ނަމަވެސް ކުރިން ލަފާކުރި މިންވަރަށް ވުރެ 65 ޕަސެންޓް އޮކިއުޕެންސީ ދަށްވާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން ބައެއް ގައުމުތަކުން އަންނަ ޗަރޓާޑް ފްލައިޓްތައްވެސް ކެންސަލްވަމުން އަންނަ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ސަރުކާރުން ފަތުރުވެރިކަމަށް އަސަރެއް ނުކުރާކަން ހާމަކޮށްފައިވާއިރު ކްރެޓިޑް ރޭޓިންގ އޭޖެންސީއެއް ކަމުގައިވާ މޫޑީސް އިން ވަނީ ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ދަށްވާނެ ކަމަށް ބުނެފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތަކުން ފަތުރުވެރިން އައުން ދަށްވުމާއި އިންވެސްޓަރުން ރާއްޖެއަށް އައުން މަދުވުން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.