ހދ.ކުޅުދުއްފުށީގައި ހުންނަ އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ނަގައިފިއެވެ.
ކުޅުދުއްފުށީގައި އެމްޑީޕީގެ ކަންތައްތަކާއި ހަވާލުވެހުންނެވި އަލީ މުހައްމަދު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު 9:45 ހާއިރު ފުލުހުން އެމްޑީޕީ ދިދަ ނަގާފައިވަނީ ހދ. ނޮޅިވަރަމު ކޯޓުގެ އަމުރެއްގެ ދަށުންކަމަށެވެ. މީގެ ދެ ހަފްތާކުރިން އެދިދަ އެތަނުން ނެގުމަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ނަގަންޖެހެނީ ކީއްވެކަމެއް އަންގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސޮއިކުރައްވާ މިމަހުގެ 20 ވަނަ ދުވަހު ނެރުއްވި އަމުރުގައި ވަނީ ހދ. ކުޅުދުއްފުށީ މަގާންމަގު، ހުޅަނގު ހިއްކި ބިމުގައި ނަގާފައިވާ އެމްޑީޕީގެ ދިދަ ގައުމީ ދިދައަށްވުރެ މައްޗަށް ނަގާފައިވާ މައްސަލައިގައި އެ ދިދައާއި ދިދަ ނެގުމަށް ބޭނުންކޮށްފައިވާ އާލަތްތައް ނެގުމަށް އަމުރުކުރާ ކަމަށެވެ.
ފުލުހުން އެ ދިދަ ނަގާފައިވަނީ ރާއްޖޭގެ ދިދަ ނެގުމުގެ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވެފައިވާތީ ގާނޫނު ނަންބަރު (09/2014) ދިވެހިރާއްޖޭގެ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުން 533 ވަނަ މާއްދާގެ (ހ) މާއްދީގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުއްވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަ ނޫން އަމަލެއްކޮށްގެން ތިމާއަށް އެނގިހުރެ ގާނޫނީ ބާރު ހިންގުމަށް ނުވަތަ ދައުލަތެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަގުސަދު ހާސިލުވިޔަ ނުދިނުމަށް ކަމަށް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، އެހެން ބައެއް ރަށްރަށުގައި ހުރި އެ ޕާޓީގެ ދިދަތައްވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.