މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ވަނަތައް ހާސިލުކޮށް ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބާއްވާ ޖަލްސާގައި ގަދަ 10 އެއްގެ ގިނަ ވަނަތަކަށް އިނާމު ނުދިނުމަށް ނިންމުމާ ގުޅިގެން ދަރިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީ އިން ނިންމާފައި ވަނީ ޖަލްސާގައި އެންމެ މަތީގެ ތިން ރޭންކުގައި ހިމެނޭ ދަރިވަރުންނަށް އިނާމު ދިނުމަށެވެ. އަދި ބާކީ ދަރިވަރުންނަށް އިނާމު ހަވާލުކުރުމަށް ނިންމާފައި ވަނީ ސްކޫލުތައް މެދުވެރިކޮށް ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. މިކަމާ ގުޅިގެން ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ކަންބޮޑުންތައް ހިއްސާކުރަމުންނެވެ.
މިނިސްޓްރީ އިން މިގޮތަށް ނިންމާފައިވާއިރު މިނިސްޓްރީ އިން ވަނީ ގަދަ 10 އެއްގެ ކްރައިޓީރިއާ ވެސް މިދިޔަ އަހަރު ބަދަލުކޮށްފައެވެ. ބައެއް ދަރިވަރުން ބުނެފައިވާ ގޮތުގައި ހަމައެކަނި މަސައްކަތްކޮށްފައިވަނީ އެންމެ މަތީ ތިންވަނަ ހޯދުމަށް ނޫން ކަމަށާއި ގަދަ 10 އެއްގެ އެހެން ވަނަތަކުގައި ވެސް ހިމެނުމަށް މަސައްކަތްކުރި ކަމަށެވެ. ހަމައެހެންމެ 10 އަހަރު ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބުމުގެ ކުރިން ޖަލްސާގައި އިނާމު ނުލިބޭނެ ކަން އެނގިގެން ދިޔުމާ އެކު ވަރަށް ދެރަވާ ކަމަށެވެ.
މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ މިގޮތަށް ބައެއް އަހަރުތަކުގައި އަމަލުކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނު ފުރިހަމަކުރި ދަރިވަރުންނަށް އިނާމުދޭން ބޭއްވި ޖަލްސާގައި ވެސް މިގޮތަށް އަމަލުކުރުމަށް ނިންމި ނަމަވެސް ދަރިވަރުން އިހުތިޖާޖު ކުރުމާ އެކު ސަރުކާރުން ވަނީ އެކަން އެ ގޮތަށް ނުކުރުމަށް ނިންމާފައެވެ.