ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި، މުހިއްމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، އެއްވެސް ފަރާތަކުން ދައްކަފާނޭ ބިރަކަށް ޖެހިލުންނުވެ، ޤާނޫނު އަސާސީ ދިފާއުކުރައްވައި، ނެގެހެއްޓުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖެ މިވަގުތު ވެއްޓިފައިވާ ޙާލަތަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ރަނގަޅު ގޮތެއް ނޫން ކަމަށް މިހާރު ދެބަސްވެވޭނޭ ޖާގައެއް ނެތް ކަމަށާއި އެކަމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުންނާއި ދައުލަތުގެ މުހިއްމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިކުރެވިފައިވާ މަޤާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ޣައިރުޤާނޫނީ އަމުރުކުރުމާއި، ޣައިރުޤާނޫނީ އަމުރަށް ތަބާވުމަކީ ޤާނޫނުއަސާސީ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށް ވާތީ، ޤާނޫނުއަސާސީއާ ޚިލާފުވެ ވަޑައިނުގަތުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ގުޅިފައިވާ ޕާޓީތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެކަނި ވެރިކަމުގެ ބާރު ނޫން ބާރެއް އޮތުމުގެ ޖާގަ ހަނިކުރެވިފައިވުމުގެ ސަބަބުން، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ޤާނޫނުގެ ވެރިކަން ނެތެމުންދާއިރު، ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ މުހިއްމު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަޅާނުލައްވައި ތިއްބެވުމަކީ މި ޤައުމުގެ ޙައްޤުގައި ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައި ދެކޭ ކަމަށް ވެސް ޕާޓީތަކުން ބުނެފައި ވެއެވެ.
މީގެ އިތުރުން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނިކޮށް މަޤާމުން ދުރުކުރެވޭ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ގެއްލުންތަކަށް ރިޔާޢަތްކުރެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެފަރަތްތަކަށް އަލުން މަޤާމުތައް ކަށަވަރުކުރެވި، އެފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނޭ ކަމުގެ ޔަޤީންކަން ވެސް ޕާޓީތަކުން ވަނީ ދީފައެވެ.
ގުޅިފައިވާ ޕާޓީތަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މިހާރު ހިންގަމުން އަންނަ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރަކީ ޤާނޫނާއި ޚިލާފު އަމުރެއްކަމަށް ބުނެ ދައުލަތުގެ ގިނަ ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލިސްވެސް ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދާ މައްސަލައިގަޔާއި، ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން ކިޔަމަންވެފައި ނުވާތީ، އެމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބައެއް އިސް ފަރާތްތައް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.