ކުއްލި ނުރައްކަލުގެ ހާލަތު އުވިއްޖެކަން ގަބޫލުކޮށް، މިހާރު ބަންދުގައި ތިބި މީހުން މިނިވަންކުރުމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ގޮވާލައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި އެޕާޓީގެ ގާނޫނީ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ގާނޫނީ ވަކީލު މަހުފޫޒު ސައީދު އާއި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު އަދި ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އެވެ. އެ ބޭފުޅުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަ މެމްބަރަކާއި އާއްމު ތިން މެމްބަރެއް ފުލުހުންގެ ބަންދުގައި އެބަތިބި ކަމަށެވެ.
ގާނޫނީ ވަކީލުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެކޭ ކިޔައިންގެން ސަރުކާރުންނާއި ފުލުހުން ވެސް އަމަލު ކުރަމުންދަނީ އެކި މީހުންނަށް އެކި ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ފަހަރު އެއްވުމެއްގެ ތެރެއިން އެއް ފަހާރާ ދެ މީހަކު ހައްޔަރުކުރުމަށް ފަހު އެކަކު ދޫކޮށްލާ ކަމަށާއި އަނެކަކު މުއްދަތު ޖަހަށް ކްރިމިނަލް ކޯޓަށް ވެސް ހާޒިރު ކުރަމުންދާ ކަމަށެެވެ. އަދި ބައެއް މީހުން ހައްޔަރު ކުރުމަށް ފަހު ކްމިނަލް ކޯޓަށް މުއަދަތު ޖަހަށް ހާޒިރު ކުރާ އިރު ކޯޓުން ދޫކޮށްލާ ކަމަށާއި އަނެއް ބަޔަކު އެއްގޮތަކަށް ވެސް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރާ ކަމަށެވެ.
ގާނޫނީ ވަކީލުން ވިދާޅުވީ ބައެއް ފަރާތްތަކަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތާއި އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބޭއިރު އަނެއް ބަޔަކަށް އެއިން އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ގާނޫނީ ވަކީލުން ވިދާޅުވީ ބައެއް މީހުން ހައްޔަރު ކޮށްފައި ވަނީ ކުށެއް ކުރަނިކޮށް ނޫން ކަމަށާއި ރެސްޓޯރެންޓެއްގައި ކާއިންދާ ވެސް ހައްޔަރު ކޮށްފައި އެބަހުރި ކަމަށެވެ. އަދި ބައެއް ފަރާތްތަކާ މެދު ވަރަށް އަނިޔާވެރިކޮށް ފުލުހުން އަމަލު ކުރަމުންދާ ކަމަށް ވެސް ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
ގާނޫނީ ވަކީލު މަހުފޫޒް ވިދާޅުވީ މިއީ އާވައްތަރެއްގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި މިހާލަތުގައި ސަރުކާރަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ކަމަށާއި ފުލުހުންނަށް ވެސް ކުރެވެނީ ކީއްކަން ނޭނގޭ ކަމަށެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް، މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު، ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް، ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް، އަދި ގުރައިދޫ ދާއިރާގެ ރައީސް ހުސައިން އަމްރު ހިމެނެއެވެ.
މަހްފޫޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މި ހަ މެމްބަރުން ހައްޔަރު ކުރީ ކުށެއް ކޮށްގެން ނޫން ކަމަށާއި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށެވެ.
އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ކުއްލި ހާލަތު އުވިއްޖެ ކަމަށް އަދުލުގެ ނިޒާމުގެ އެންމެ މުހިންމު ފަރާތް ކަމަށްވާ ކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލް އާއި އެ އޮފީހުގެ ވަކީލުން ވެސް ގަބޫލުރައްވާ ކަމަށާއި އެހެން ކަމުން ކުއްލި ނުރައްކަލުގެ ހާލަތު އުވިއްޖެ ކަމަށް ސަރުކާރުން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން އެ ހާލަތުގެ ދަށުން މިހާތަނަށް ފުލުހުންގެ ބަންދުގައި ތިބި ފަރާތްތައް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވަނީ ގޮވާލައްވާފައެވެ. އެ ފަރާތްތައް ތިބީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެ ފަރާތްތައް ތިބީ ރަހީނުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.