އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީގެ އިލްމުވެރިވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގޮވާލައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޒިޔާދު އިސްތިއުފާ ދެއްވުމަށް އިޔާޒު ގޮވާލެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދޫކޮށްލުމަށް 40 އިލްމުވެރިޔަކު ސޮއިކުރައްވައި ނެރެފައިވާ ޕެޓިޝަނާ ގުޅިގެން އެ 40 އިލްމުވެރިން ތެރޭގައި ހިމެނޭ ބައެއް ނަންތަކާ މެދު އިސްލާމިކް މިނިސްޓަރު ޒިޔާދު ސުވާލު އުފައްދަވާފައިވާތީއެވެ.
އިޔާޒު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޒިޔާދަށް ރާއްޖޭގެ ތިއްބެވި ދީނީ އިލްމުވެރިން އެނގިވަޑައިނުގަންނަވާ ނަމަ އަވަހަށް އިސްތިއުފާ ދެއްވުން ރަނގަޅުވާނެ ކަމަށެވެ.
ޑރ. އިޔާޒު ވިދާޅުވީ ޝެއިހް އިމްރާނު ދޫކޮށްލަން ގޮވާލާ ޕެޓިޝަންގައި ސޮއި ކުރައްވާފައި ވަނީ ދީނީ އިލްމުގެ ރޮނގުން ދަށްވެގެން ބެޗްލާރސް ޑިގްރީ އޮތް ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ޑރ. އިޔާޒު ވިދާޅުވީ ސޮއިކުރައްވަން ބޭނުންފުޅުވާ، އެހެންނަމަވެސް އަނިޔާވެރިންގެ ވަކިތަކުގެ ބިރަށް ސޮއި ނުކުރައްވާ ބޭފުޅުންގެ އަދަދު 40 އަށްވުރެ ގިނަކަން ވެސް ޒިޔާދަށް ދަންނަވާ ކަމަށެވެ.
— Dr Mohamed Iyaz (@dr_iyaz) February 24, 2018
ޝެއިހް އިމްރާން ވަގުތުން ދޫކޮށްލުމަށް، ރާއްޖޭގައި ތިއްބެވި ފުންނާބުއުސް 40 އިލްމުވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ވަނީ ޝެއިހް އިމްރާނުގެ މައްޗަށް ޓެރެރިޒަމްގެ ކުށުގެ ތުހުމަތެއްގައި 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވުމަކީ އިލްމުވެރިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ދައުލަތަށާއި އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ދައުލަތުގެ ކަންކަން ހިންގުމަށް ކުރެވޭ މަސައްކަތަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ޝެއިޚް އިމްރާންގެ މައްޗަށް ހިންގި ޝަރީޢަތުގެ މުޅި އިޖުރާއާތް ބިނާކޮށްފައި ވަނީ، ތުހުމަތުކުރެވޭ ފަރާތާއި އަދި ދިފާޢީ ވަކީލުންނާ ވެސް ޙިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލުކުރެވޭނެ އެކަށީގެންވާ ފުރުޞަތު ނުލިބޭހެން ހުށަހެޅި ސިއްރު ހެއްކެއްގެ މައްޗަށް ކަމަށް ވާއިރު، އިސްލާމީ ޝަރީޢަތުގައި ހެއްކަކީ ބަޔާންވެގެންވާ ވާޟިޙް އެއްޗެއް ކަމަށް އޮންނަ އުޞޫލާ މިކަން ފުށޫއަރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ޖިނާއީ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރުމަށް އޮންނަ ހަރުދަނާ މިންގަނޑަށް ފެތޭ މިންވަރަށް ޝެއިޚް ޢިމްރާނުގެ މައްޗަށް ކުށް ސާބިތުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭނެ ޖާގައެއް ނެތް ކަމުން ޝެއިޚް އިމްރާން ވަގުތުން ދޫކޮށްލުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.