ގައުމާއި ދީން ސަލާމަތް ކުރުމަށް ދޯނިތަކުގައި އަތޮޅުތަކުން ރައްޔިތުން މާލެ އައުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވަލައްވައިއެވެ.
ޖަރުމަނުގައި ހުންނަވައި ރާއްޖެޓީވީއަށް ފޯނުން ދެއްވި އިންޓަރވިއުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ދިވެހި ރައްޔިތުން ކުޑައެއް ބޮޑެއް ނެތި ގައުމު އިސްލާހު ކުރަން ނިކުންނަން ޖެހޭ ކަމަށާއި ގާނޫނު އަސާސީއަކީ ވެރިއަކަށް ހުންނަ ފަރާތެއް ބޭނުންހާ ގޮތެއް ހެއްދެވުމަށް އޮތް އެއްޗެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ، ޑިކްޓޭޓަރޝިޕެއް ހިންގަން ވީމަ ގާނޫނު އަސާސީ ކަމުނުދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީއަކީ ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ކަމަށެވެ.
ދައުލަތަކަށް ބޭނުންވާ ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށާއި މީސް މީހުންގެ ބޮލުގައި ބަދުނާމު އެޅުވުން ރައްޔިތުން ހުއްޓުވަންޖެހޭ ކަމަށެވެ.
މިއަދަކީ 1932 ވަނަ އަހަރެއް ނޫން ކަމަށާއި މިއަދަކީ ތައުލީމީ ގާބިލް ތަންދޮރުދަންނަ ދިވެހިން އުޅޭ ދުވަސްވަރެެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމުގެ ހާލަތު މިހާރު އޮތް ހިސާބުން ރައްޔިތުން ދައުލަތަށް ދައްކަންޖެހޭނެ ޓެކްސްއެއް ނޯންނާނެ ކަމަށާއި މި އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް ދިވެހި ހުރިހާ ރައްޔިތުން މަސައްކަތް ކޮށްދެއްވަންޖެހޭ ކަމަށެވެ.
ދިވެހި ރައްޔިތުން ދޯނި ފަހަރުގައި މާލެއަށް އައިސް، "މިކަން" ނިންމަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެއެވެ.
މިހާރު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށާއި ފުލުހުންނާއި ސިފައިން ވެސް ގާނޫނު އަސާސީގެ ތެރެއިން ކަންކަން ކުރައްވަންޖެހޭ ކަމަށެވެ. ގާނޫނު އަސާސީއަށް ފުލުހުންނާއި ސިފައިނަށް ގޮވާލައްވައި ގާސިމް ވިދާޅުވީ ގައުމު ހަލާކެއްގެ ތެރެއަށް ދާތަން ބެލުމަށް ރައްޔިތުން ތިބެގެން ނުވާނެ ކަމަށެވެ.
ފަނޑިޔާރުންނަށް އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމަށާއި އެކި މައްސަލަތައް ނެރެ އެކި ފަރާތްތަކުން ފްރޭމް ކުރަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ، ގައުމުގެ އިގްތިސާދު ފުނޑު ފުނޑުވެގެން ދާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަންކަން ތަހުގީގު ކުރެވެން ޖެހޭ ކަމަށެވެ.