"ނިމުމެއް ނެތް އެއްވުން" ނަމުގައި އައްޑޫގައި ކޮންމެ ދުވަހަކު އިހުތިޖާޖު ކުރަން ނިންމާފައި ވާކަމަށް އައްޑޫ ސިޓީގައި ގުޅިފައިވާ ޕާޓީތަކުން އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮފިޝަލް ވިދާޅުވީ، ހުކުރު ދުވަހު ފުލުހުން ނުކުމެ އައްޑޫގައި ކުރިއަށް ގެންދިއުމަށް ރޭވި ސައިކަލް ބުރަށް ފުލުހުން ހުރަސް އެޅުމަށް ފަހު މެޑަމް ފާތުމަތު އިބްރާހިމް ވަޑައިގެންނެވި އިރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އައްޑޫގައި ބޭއްވި އެއްވުމަށް ފުލުހުން ޖާގަދިން ކަމަށެވެ. އަދި އެގޮތަށް ވަކި ބަޔަކަށް ފުރުސަތު ދެވެންޏާ ގުޅިފައިވާ ޕާޓީތަކަށް ވެސް އެއްވުން ބޭއްވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރަންދެއް "ނިމުމެއް ނެތް އެއްވުން" ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު (މިއަދު) އެއްވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫގައެވެ. އަދި އާދިއްތަ ދުވަހު މަރަދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއަދުގެ އެއްވުން އޮންނާނީ ހަވީރު، ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. މި އެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ އެދިފައެވެ.
ހުކުުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅުނު އެއްވުން އެސްއޯ ފުލުހުން 3:30 ހާއިރު އެސަރަހައްދަށް ގޮސް ވަނީ ހުއްޓުވައި ހުރަސް އަޅާފައެވެ. ނަމަވެސް އެއްވި މީހުން ވަނީ އެމްޑީޕީ ހަރުގެއިން ފެށިގެން ފުލުހުންގެ ސަފުތަކުގެ ދޭތެރެއިން ގޮސް ހިތަދޫ ޕެބްލްސް ގެސްޓް ހައުސް ހިސާބަށް ގޮސް އަޑު އުފުލާފައެވެ.