ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު ހައްޔަރުކޮށްފި އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ތަޒްމީލަކީ ފުލުހުން ހައްޔަރު ކުރި ތިން ފުލުހުންގެ ތެރެއިން އިސް ފުލުހަކާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ވެސް އެނގިފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ތަޒްމީލަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ތަޒްމީލް ސިޔާސީ ދާއިރާއަށް ނެރުއްވީ އުމަރު ނަސީރެވެ.
ތަޒްމީލް ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ.
ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ބިދޭސީއަކު ވެސް ހިމެނެއެވެ.