އެމެރިކާގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް އަހަރަކު 9.2 މިލިއަން ރުފިޔާއަށް އެމެރިކާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މާކެޓިން އަދި ޕަބްލިކް ރިލޭޝަންސްގެ ހަބަރު ގެނެސްދޭ ނަން މަޝްހޫރު ވެބްސައިޓަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމެރިކާގެ ލޮބީ ކުރާ ފާމްއެއް ކަމަށްވާ 'ބޮލަރޑް ޕާޓްނާސް" އާއެވެ. މި މަސައްކަތް ދިވެހި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އަހަރަކު ހަ ލައްކަ ޑޮލަރު ނުވަތަ 9.25 މިލިއަން ރުފިޔާއަށެވެ. މި ކުންފުނީގެ އެހީގައި ސަރުކާރުގެ އަމާޒަކީ އެމެރިކާގައި ސަރުކާރަށް ލިބިފައިވާ ނަން ރަނގަޅުކޮށް މޫނުމަތި ރީތިކުރުން ކަމަށް ވެސް މި ވެބްސައިޓުގައި ބުނެފައިވެއެވެ.
މި ކުންފުންޔަކީ 1998 ވަނަ އަހަރު ބްރައިއަން ބޮލަރޑް އުފެއްދި ފާމްއެކެވެ. މި ފާމްއިން ވަނީ 2012 ވަނަ އަހަރު ރިޕަބްލިކަން ޕާޓީއިން ރައީސްކަމަށް ކުރިމަތިލެއްވި މިޓް ރޮމްނީއާއި 2008 ވަނަ އަހަރު ރިޕަބްލިކަން ޕާޓީއިން ރައީސްކަމަށް ކުރިމަތިލެއްވި ޖޯން މެކެއިންގެ ކެމްޕެއިންގައި ފަންޑްރެއިޒް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައެވެ.
ހަމައެހެންމެ އެ ފާމްއިން ވަނީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވިއިރު އޭނާ ފްލޮރިޑާގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން ރާވާ ހިންގާފައިވެއެވެ. މީގެއިތުރުން 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް ޓްރަމްޕްގެ ފަރާތުން މި ފާމްއަށް 460000 ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ.
ސަރުކާރުގެ މޫނުމަތި އެމެރިކާގައި ރީތި ކުރުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު އެ ގައުމުން ވަނީ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރު އެ އޮތްގޮތަށް ތަންފީޒުކުރުމަށް ގޮވާލާފައެވެ. ހަމައެހެންމެ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ރާއްޖޭގެ ކަންކަން ކުރިޔަށްގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފައެވެ. ދުނިޔޭގެ އެކި ގައުމުތަކުން އަންނީ މި ހުކުމް ތަންފީޒުނުކޮށް ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.
މި ވާހަކަ މީޑިއާގައި ފެތުރިފައިވާއިރު ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ހަމައެހެންމެ ރައްޔިތުންގެ ޓެކްސް ފައިސާއިން މިފަދަ މަސައްކަތް ކުރަމުންދިޔުމާއެކު ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.