ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރާ ވާހަކަ ދެއްކުމަށް ހާއްސަ ޝަރުތެއް ހުށަހަޅުއްވައިފިއެވެ.
ރައީސް މައުމޫން ސަރުކާރަށް ހުށަހެޅުއްވި ޝަރުތު އާންމު ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެހެން ބޭފުޅުން މިނިވަން ކުރުމަށް މައުމޫން ޝަރުތުކުރައްވާފައިވާ ކަމަށެވެ.
Pres. @maumoonagayoom rejects as totally insincere any proposals for "talks" while he, Pres. @MohamedNasheed Hon. @qasimibrahim Sh. @ShimranAb , the Chief Justice & a Justice of the Supreme Court, & other #SoEDetainees remain as hostages & deprived of the protection of the law.
— Maumoon Hameed (@maanhameed) February 23, 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރުމަށްފަހު، ރަހީނުކޮށްފައިވާ އެ ފަރާތްތައް މިނިވަން ކުރުމަށްފަހު، ގާނޫނީ ރައްކާތެރިކަން އެބޭފުޅުންނަށް ދިނުމަށް ވެސް މައުމޫން ވަނީ ޝަރުތުކުރައްވާފައެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ހުންނަތާ 18 ދުވަސްވެފައިވާއިރު، އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ތިން ތުހުމަތެއް ކުރެއްވުމަށްފަހުއެވެ.
މައުމޫންގެ މައްޗަށް ތުހުމަތު ކުރަނީ ކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
އެ ތުހުމަތުތަކަށް މައުމޫން ދެކޮޅު ހައްދަވާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ނުދިން ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ފުލުހުން ދަނީ ކުރަމުންނެވެ.