ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ނިއުޅެމުންދާ ކަންކަން ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަކޮށްދިނުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަމްސީލު ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހަމަޖައްސަވައިފިއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ނިއުޅެމުންދާ ކަންކަން ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަކޮށް، މި މައްސަލަތަކުގެ ހައްލު ވީހާވެސް އަވަހަކަށް ހޯދައި ގާނޫނުގެ މަގަށް ކަންކަން އެނބުރި ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެމަނިކުފާނު ތަމްސީލުކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ހަމައެހެންމެ ޔުމްނާއަކީ މި މައްސަލަތަކުގައި ރައީސް މައުމޫން ތަމްސީލުކުރައްވާނެ ހަމައެކަނި ބޭފުޅާގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ވެސް ޓްވީޓުގައިވެއެވެ.
ޔުމްނާގެ މައްޗަށް މި ޒިންމާ ރައީސް މައުމޫން މަތިކޮށްފައިވާއިރު އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫންއަކީ ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. ހަމައެހެންމެ ދުންޔާ އަންނަނީ މިހާރު ވެސް ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން ރައީސް މައުމޫން ބަންދުން ސަލާމަތްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރު ކުރައްވާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައެވެ.