ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން އަމުރު ކުރިނަމަ، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް މި މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މަދުވަނީ ދެ ފޮޅުވަތް ކަމަށެވެ.
އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، ވާހަކަ ދައްކަމުން އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މަދުވާ ދެ ފޮޅުވަތަކީ ރައީސް ޔާމީން ހައްޔަރު ކުރުމަށާއި ދިވެހިންނަށް އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބަޔާން ކުރަންޖެހޭ ފޮޅުވަތް ކަމަށެވެ.
ރައީސް ޔާމީންގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން، އަނިޔާވެރި ގޮތަކަށް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާތީ އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ހިމަނަންޖެހޭ ކަމަށެވެ. އެ ސަބަބަށްޓަކައި ރައީސް ޔާމީން ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރި ނަމަ، އެ ކޯޓުގެ އަމުރު ތަންފީޒު ވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ހިމަނަންޖެހޭ ދެ ވަނަ ފޮޅުވަތެއްގެ ގޮތުގައި ހިމަނަންޖެހޭނީ ދިވެހި ރައްޔިތުންނަށް މިނިވަންކަން ދިނުމަށްޓަކާ ބަޔާންކުރަންޖެހޭ ފޮޅުވަތް ކަމަށާއި އެ މިނިވަންކަމަކީ އެއްވެއުޅުމުގެ މިނިވަންކަން ދިވެހިންނަށް ދިނުން ކަމަށެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރަންޖެހޭ ނުވަ ބޭފުޅުންނަކީ އޭނާ ފަހުރުވެރިވާ ނުވަ ލީޑަރުން ކަމަށެވެ. އެ ބޭފުޅުން ހައްޔަރުކޮށްފައި ތިބީ "ވަރަށް އަނިޔާވެރި"ކޮށް ކަމަށް އަލީ ހުސައިން ސިފަ ކުރެއްވި އެވެ.
އަލީ ހުސައިންގެ ވާހަކަފުޅު ނިންމަވާލައްވަމުން އަލީ ހުސައިން ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށާއި ވެރިކަން ބަދަލުވެގެންދާނެ ކަމަށެވެ. ވެރިކަން ބަދަލު ކުރާނީ ވެސް އެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.