ރާއްޖޭގެ ގާނޫނީ ވަކީލުންގެ މަސައްކަތަށް ހުރަސްއަޅައި ވަކީލުންގެ މަސައްކަތަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯއަށް ދެމުންދަނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ގާނޫނީ ވަކީލުންގެ ޒިންމާ އަދާކުރުމަށް ހުރަސްއަޅައި އެބޭފުޅުންގެ މަސައްކަތަށް ސަރުކާރުން ދެމުންދާ ހަމަލާތަކާއިމެދު އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ ވަކީލުންގެ މަސައްކަތަށް ހުރަސް އެޅުން ހުއްޓާލައި އެބޭފުޅުންގެ ޒިންމާ އަދާކުރުމުގެ މިނިވަންކަން ދިނުމަށް ވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
ހަމައެހެންމެ އައިސީޖޭއިން ވަނީ މިހާރު އިއުލާނުކުރެވިފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން ވަގުތަށް އުވާލައި ހިފެހެއްޓިފައިވާ ހައްގުތައް ރައްޔިތުންނަށް ދިނުމަށް ގޮވާލާފައެވެ. ހަމައެހެންމެ މި ބަޔާނުގައި އެ ޖަމިއްޔާއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށާއި ސިޔާސީ ހައްޔަރުގައި ތިއްބެވި ހުރިހާ ބޭފުޅުން ދޫކޮށް މިނިވަން ޖުޑީޝިއަރީއަކަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.
އައިސީޖީގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރ ފްރެޑްރިކް ރޯސް ވިދާޅުވެފައިވަނީ އެއްވެސް ލޯޔަރެއްގެ މަސައްކަތަށް އެއްވެސް މީހަކު ހުރަސް އަޅައިގެން ނުވާނެ ކަމަށާއި ލޯޔަރުންނަކީ އިންސާނީ ހައްގުތަކާއި ރޫލް އޮފް ލޯ ދެމެހެއްޓުމަށް މިފަދަ ދަނޑިވަޅެއްގައި އެންމެ މުހިންމު ރޯލެއް އަދާކުރައްވާ ބޭފުޅުން ކަމަށެވެ. ފްރެޑިރިކް ވަނީ ވަކިން ހާއްސަކޮށް ގާނޫނީ ވަކީލު ހުސައިން ޝަމީމްގެ ނަން ފާހަގަކުރައްވާފައެވެ.
ޝަމީމްގެ ނަން ފާހަގަކުރައްވާފައިވާއިރު ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ އޭނާ ސަސްޕެންޑްކޮށްފައެވެ. މި ބަޔާނުގައި ފްރީޑްރިކްސް ވިދާޅުވެފައިވަނީ ސަރުކާރުގެ މިފަދަ އަމަލުތަކުން ރާއްޖޭގައި ތިއްބެވި އެހެން ވަކީލުންގެ ވަޒީފާ އަދާކުރުމަށް ވެސް ހުރަސް އެޅެމުންދާ ކަމަށާއި ސަރުކާރާ އެއްކޮޅު ނޫން އެއްވެސް ކަމެއްކޮށްފިނަމަ ވަކީލުންގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ ސިގްނަލް ވަކީލުންނަށް ލިބިފައިވާ ކަމަށެވެ.
އައިސީޖޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރާއްޖޭގެ ގާނޫނީ ވަކީލުން އަންނަނީ ސަރުކާރާއި ސަލާމަތީ ހިދުމަތްތަކުން އެބޭފުޅުންގެ ޒިންމާތަކަށް ހުރަސް އަޅަމުންދާ ކަމަށް ބުނަމުންނެވެ.